އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި އެ ޕާޓީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވައި، ރިޔާސީ ކެމްޕޭން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީކޮށް ފައްޓަވައިފި އެވެ.
ޝާހިދު ވިދާޅުވީ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވަން ނިންމެވީ އެމްޑީޕީގެ ކަންކަން ހިންގަން ޖެހޭނީ ޑިމޮކްރެޓިކް އުސޫލުން ކަމަށް ދެކިވަޑައި ގަންނަވާތީ ކަމަށެވެ.
މި ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކުރެއްވީ ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ އަދި އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ އައްޑޫ ސިޓީގައި ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ އަޒުމުގައި ޕްރައިމަރީއަށް ނުކުންނަވާކަން ހާމަކުރައްވާފަ އެވެ.
ދިވެހި ރައްޔިތުން މިހާރު ދިރިއުޅެމުންދަނީ ދަތި ހާލަތެއްގައި ކަމަށް ވިދާޅުވެ، އެ ހާލަތު ބަދަލުކުރެވޭނީ އެމްޑީޕީއަށް ކަމުގެ ޔަގީންކަން ޝާހިދު ދެއްވި އެވެ. ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިތަކުގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ އައްޑޫ ސިޓީގައި ތަކުރާރުކޮށް ކަރަންޓު ކެނޑެމުންދާ މައްސަލައެވެ.
ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި އެފަދަ އިސްލާހީ ބަދަލުތަކެއް ގައުމަށް ގެނެވޭނީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޝާހިދަކީ ރަސްމީކޮށް ރިޔާސީ ކެމްޕޭން އެންމެ ފުރަތަމަ ފެއްޓެވި ބޭފުޅާ އެވެ. ޝާހިދުގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.
"ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް އަންނަ އަހަރު ނިންމާލެވޭނެ"
އަމާން ޓަވަރުތަކަށް ކުނި އަޅާ މީހުން ހޯދަން ކެމެރާ ހަރުކުރަނީ
ރަސްމާލެ ހިއްކަން ގިނައިން ފައިސާ ދިން މައްސަލަ އޭސީސީއަށް
