ރާއްޖޭގެ ނޫސްވެރިންނަށް އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އިން ބުނެފި އެވެ.
ރާއްޖެއަށް ކުރި ހަފުތާއެއްހާ ދުވަހުގެ ދަތުރުގައި ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރުމަށްފަހު ލިބުނު މައުލޫމާތުގެ އަލީގައި އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ދިރުންހުރި މިނިވަން މީޑިއާއެއް ކުރިއެރުވުމަށް ހުރަސްއެޅޭ މައްސަލަތައް ވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ.
ސިޔާސީ ނުފޫޒު ފޯރުވުމަށް "ޝެލް މީޑިއާ ކުންފުނި"ތަކުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ބަލައި އެ ތަހުގީގުގެ ހޯދުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް އައިއެފްޖޭއިން ވަނީ ގޮވާލައިފަ އެވެ.
މީގެއިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބުގައި ވޯޓުދިނުމުގައި ނަމެއްގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތައް މީޑިއާތަކަށް ފުރުސަތު ދިނުމަކީ ނޭދެވޭ ނަތީޖާ ނުކުންނާނެ ކަމެއްކަން އޭނާ ފާހަގަކުރިއެވެ.
އެހެންކަމުން އައިއެފްޖޭ އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިލްތިމާސަކީ މި އަހަރު ބާއްވާ އެމްއެމްސީގެ އިންތިހާބުގައި ގަވާއިދުން މަސައްކަތް ނުކުރާ މީޑިއާތަކަށް ވޯޓު ދިނުމުގެ ފުރުސަތު ނުދިނުމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޕަބްލިކް ސާވިސް މީޑިއާއަށް ސިޔާސީ މީހުން އައްޔަންކުރުމުގެ ސަބަބުން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީނުގެ ފުރުސަތުތަކާއި މީޑިއާގެ ހައްގުތަކާއި ޒިންމާތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަމްރީނުގެ ފުރުސަތު ނެތުމާއި ފްރީލާންސް ނޫސްވެރިންނަށް އެކްރެޑިޓޭޝަން ލިބުމުގައި ހުރަސްތަކެއް ހުރިކަން އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.