ކޮލަމްބޯ (ޖުލައި 20) - ސްރީ ލަންކާގައި އާ ރައީސަކު ހޮވުމަށް މިއަދު ވޯޓުލުމުގެ ކުރިން ޕާލަމެންޓް ބައިބައިވެއްޖެ އެވެ.
ރައީސްކަމުގެ މަގާމަށް ތިން ކެންޑިޑޭޓަކު ނޮމިނޭޓްކޮށްފައިވީ ނަމަވެސް ޕާޓީތަކުން މިހާރު ވަނީ ވަގުތީ ރައީސް އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ދުލަސް އަލަހައްޕެރުމާ އަށް ތާއީދުކުރަން ނިންމައިފަ އެވެ.
ސްރީ ލަންކާ ފްރީޑަމް ޕާޓީ އާއި ޓަމިލް ނޭޝަނަލް އެލަޔަންސް އަދި އެހެން ބައެއް ޕާޓީތަކުން ވަނީ އަލަހައްޕެރުމާ އަށް ތާއީދުކުރާނެ ކަމަށް ބުނެފަ އެވެ. ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އަދި ސިލޯން ވޯކާސް ކޮންގްރެސް (ސީޑަބްލިއުސީ) އިން ނިންމާފައި ވަނީ ރަނިލް އަށް ތާއިދުކުރުމަށެވެ. މިނިސްޓަރު ހަރިން ފެނާންޑޯ ވިދާޅުވީ ޓީއެންއޭގެ ބައެއް މެންބަރުންނާއި އެސްއެލްއެފްޕީން ތާއީދުކުރާނީ ރަނިލް އަށް ކަމަށެވެ.
ރަނިލް އާއި އަލަހައްޕެރުމާގެ އިތުރުން ރައީސް ކަމަށް ނޮމިނޭޓްކޮށްފައި ވަނީ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނައިކަ އެވެ. އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ވަނީ ނަން އަނބުރާ ގެންދެވުމަށް ފަހު އަލަހައްޕެރުމާ އަށް ތާއީދު ކުރަން ނިންމަވައިފަ އެވެ. އަލަހައްޕެރުމާގެ ނަން ނޮމިނޭޓްކޮށްފައި ވަނީ ވެސް ޕްރެމަދާސާ އެވެ.
ރަނިލްގެ ނަން ނޮމިނޭޓްކޮށްފައި ވަނީ އެސްއެލްޕީޕީގެ ލީޑަރު ދިނޭޝް ގުނަވަރުދަނާ އެވެ. އަނޫރާ ކުމާރާ ޑިސަނައިކާ ނޮމިނޭޓްކޮށްފައި ވަނީ ޕާލަމެންޓުގެ މެންބަރު ވިޖިތާ ހެރަތެވެ.
ލަންކާ އަށް އާ ރައީސަކު އިންތިޚާބު ކުރަނީ ކުރިން އެ މަގާމުގައި ހުންނެވި ގޯޓާބޭ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ގޯޓާބޭ އިސްތިއުފާ ދެއްވީ ގައުމު ބަނގުރޫޓުވެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުތުމުން، ގައުމު ދޫކުރައްވައި ވަޑައިގަތުމަށް ފަހު އެވެ.
ޕާލަމެންޓުގައި މިހާރު ކުރިއަށް ދަނީ ރައީސް ހޮވުމަށް ވޯޓުލުމުގެ މަސައްކަތެވެ.
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟