މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ކ. އަތޮޅަށާއި އދ. އަތޮޅަށްކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 އިންސައްތައިގެ ދަށްވުމެކެވެ.
އަތޮޅުތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ކ. އަތޮޅަށް 591,826 ފަތުރުވެރިން ގޮސްފައި ވާއިރު، 107,990 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އދ. އަތޮޅަށެވެ. އަދި 103,740 ފަތުރުވެރިންނާއެކު ތިންވަނައިގައި އޮތީ ރ. އަތޮޅެވެ.
ކ. އަތޮޅަކީ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަތޮޅުގެ އިތުރުން، ފަތުރުވެރިކަމަށް އެންމެ ގިނަ އެނދު ނެރެފައިވާ އަތޮޅު ވެސް މެ އެވެ. އެގޮތުން ރާއްޖޭގައި ފަތުރުވެރިކަމަށް އޮޕަރޭޓްކުރާ 64,891 އެނދުގެ ތެރެއިން 25,370 އެނދު ހުރީ ކ. އަތޮޅުގަ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކުން 15,516 އެނދު، ގެސްޓްހައުސްތަކުން 8,208 އެނދު އަދި ހޮޓާތަކުން 1,646 އެނދު ހިމެނެ އެވެ.
ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ ތެރެއިން 1,311,632 މީހުންނަކީ ޗުއްޓީ ހޭދަކުރުމަށް އައި މީހުންނެވެ. އަދި ވިޔަފާރީގެ ބޭނުންތަކަށް 11,254 ފަތުރުވެރިން އައިސްފައި ވާއިރު، ކްރޫޒްލައިނާތަކުން 15,577 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.
މިހާރު އެވްރެޖްކޮށް ދުވާލަކު 7,975 ފަތުރުވެރިން ރާއްޖެއަށް އަންނައިރު، މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.
ޓްރަމްޕްގެ މަގުބޫލުކަން 33 ޕަސެންޓަށް ދަށްވެއްޖެ
މަޖިލީހުގެ ދައުރު މިމަހުގެ 27އާ ހަމަޔަށް އިތުރުކޮށްފި
ކަސްޓަމްސްއަށް 26 އޮފިސަރުން ހޯދަނީ