ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ޑިއޯލް، 1993 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޑަރު"ގެ ޝޫޓިންގްގެ ދުވަސްވަރު ޝާހްރުކް ޚާންއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި އެ ދުވަސްވަރުގެ ހަނދާންތައް އަލުން އާ ކޮށްފި އެވެ.
ޝުބަންކަރު މިޝްރާގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ސަނީ ބުނީ، އެ ފިލްމުގެ ޝޫޓިންގް ތެރޭގައި އޭނާ ވަރަށް ބޮޑަށް ރުޅި އައިސް، އަމިއްލަ ޖީންސް ވެސް ވީދާލި ކަމަށެވެ. ސަނީ ބުނީ އެ ފަހަރު އޭނާ އެހާ ރުޅި އައީ އެހެން މީހަކު ދެކެ ނޫން ކަމަށާއި، އަމިއްލަ ނަފްސު ދެކެ ކަމަށެވެ.
ސަނީ ބުނި ގޮތުގައި، ފިލްމުގެ ޑައިރެކްޓަރު ޔާޝް ޗޯޕްރާއާ އޭނާއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދުނީ ފިލްމުގެ މަންޒަރަކާ ގުޅިގެންނެވެ.
ފިލްމުގައި ސަނީ ކުޅުނު ކޮމާންޑޯގެ ރޯލަށް، ޝާހްރުކްގެ ކެރެކްޓާއިން ހަމަލާދީ ކާމިޔާބު ހޯދާ މަންޒަރު އޭނާއަށް ގަބޫލު ކުރަން ދަތި ވީއެވެ. މިއީ އެލީޓް ކޮމާންޑޯއެއްގެ ކެރެކްޓާއާ ނުގުޅޭ ކަމެއް ކަމަށް އޭނާ ދެކުނެވެ.
އެއާއެކު އެ ފިލްމުގައި ހީރޯއެއްގެ ބައި ކުޅުނީ ސަނީއަށް ވެފައި ވިލަންއެއްގެ ބައި ކުޅުނު ޝާހްރުކް ޚާންއަށް ފިލްމުގައި ބޮޑު އިސްކަމެއް ދީ އަދި އޭގެ ފަހުން ބެލުންތެރިންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް ލިބުމަކީ ސަނީ އިތުރަށް ހިތްހަމަ ނުޖެހުނު ސަބަބެއް ކަމަށް ބުނެވެ އެވެ.
އެ ދުވަސްވަރު ފިލްމީ ދާއިރާގެ އެކްޓަރުންގެ މެދުގައި އޮންނަ "އިންސެކިއުރިޓީ" ނުވަތަ އަމިއްލަ ނަފްސާމެދު އޮންނަ ޝައްކުތަކުގެ ސަބަބުން ސެޓުގައި މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް ސަނީ ބުންޏެވެ.
"އެކްޓަރުންނަށް އަމިއްލަ ރޯލު އެކަނި ކުޅެވޭނީ. އެކަމަކު އިންސެކިއުރިޓީގެ ސަބަބުން ނުކުރަން ޖެހޭ ކަންކަން ކުރެވެނީ،" ސަނީ ބުންޏެވެ.
ޝާހްރުކް އާއި ސަނީގެ ގުޅުމާ ބެހޭގޮތުން ސުވާލު ކުރުމުން،ސަނީ ބުނީ ޝާހްރުކް އަކީ އޭނާގެ "އެކުވެރިއެއް" ކަމަށް ބުނުމަށްވުރެ ރަނގަޅީ އެކީގައި މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ސިފަކުރުން ކަމަށެވެ. އޭނާ ބުނި ގޮތުގައި ހަގީގީ އެކުވެރިކަމަކީ ސްކޫލް އަދި ކޮލެޖް ދުވަސްވަރު އުފެދޭ އެކުވެރިކަމެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ، "ޑަރު" އަށް ފަހު އެ ދެ ތަރިންގެ ދެމެދުގައި ހިތްހަމަނުޖެހުން އުފެދި، 16 އަހަރު ވާންދެން ވާހަކަ ނުދައްކާ ތިބިކަމެވެ.
ނަމަވެސް، 2023 ވަނަ އަހަރު ސަނީގެ "ގަދަރު 2" ގެ ކާމިޔާބީ ފާހަގަ ކުރުމުގެ ހަފްލާގައި ޝާހްރުކް ބައިވެރިވެ، ދެ ތަރިން ވަނީ އެ ޒަމާންވީ ދެކޮޅުވެރިކަން ނިންމައި ގުޅުން ރަނގަޅު ކޮށްފަ އެވެ.
ކަސްޓަމްސްއަށް 26 އޮފިސަރުން ހޯދަނީ
ވަކިކުރާ މުވައްޒަފުން އަމިއްލަ މަސައްކަތް ފަށަން ފަންޑެއް
ވިތްހޯލްޑިން ޓެކްސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި