ދިރިއުޅުމުގެ ކަންކަން ހަލަބޮލިވެ، ވަގުތު ނުލިބުމުގެ ސަބަބުން ކަސްރަތު ކުރުމުގައި ދެމިހުރުމަކީ ގިނަ ބަޔަކަށް ދިމާވާ ބޮޑު ގޮންޖެހުމެކެވެ.
އިންޑިއާގެ ފިޓްނަސް ކޯޗެއް ކަމަށްވާ ރާޖް ގަންޕަތު ހިއްސާ ކޮށްފައިވާ ގޮތުގައި، ދިރިއުޅުން ކިތަންމެ ބުރަވި ނަމަވެސް، ރަނގަޅު ރޭވުންތަކަކާއެކު ކަސްރަތު ކުރުމަކީ އިސްކަންދޭ ކަމަކަށް ހަދައިގެން ކުރިއަށް ގެންދެވިދާނެ ކަމެކެވެ.
ކޯޗް ރާޖް ފާހަގަކުރާ ގޮތުގައި، ގިނަ މީހުންނަށް ކަސްރަތު ނުކުރެވެނީ އެކަމަށް ދިގު ވަގުތެއް (މިސާލަކަށް އެއް ގަޑިއިރު ނުވަތަ ދެ ގަޑިއިރު) ހުސް ކުރަންޖެހޭ ކަމަށް ދެކޭތީ އެވެ.
ނަމަވެސް، ކުޑަ ވަގުތުކޮޅަކަށް އަމާޒު ހިފައިގެން ދުވާލަކު 15 ނުވަތަ 20 މިނިޓު ފަދަ ވަގުތުކޮޅެއް ކަސްރަތަށް ހުސް ކުރުމަކީ ފަސޭހައިން ކޮށްލެވޭނެ އަދި ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ކަމެކެވެ.
ހަފުތާ ފެށުމުގެ ކުރިން ނުވަތަ ދުވަހުގެ ކުރިން ކަސްރަތު ކުރާނެ ވަގުތުތައް ކަލަންޑަރުގައި ނުވަތަ ޝެޑިއުލްގައި ހިމަނައިގެން ރާވައިގެން މަސައްކަތް ކުރުމަކީ ވެސް މިކަމުގައި ވަރަށް ބޮޑު އެހީތެރި ކަމެކެވެ. އެގޮތުގެ މަތިން ދުވަހުގެ އެހެނިހެން ކަންކަމުގެ ތެރެއިން ކަސްރަތަށް ހާއްސަކޮށް ވަގުތު ކަނޑައެޅި، އެކަން މަތިން ހަނދާން ނެތުމުގެ ފުރުސަތު ކުޑަވެގެންދެ އެވެ.
އެއްވެސް ހާލެއްގައި ކޮންމެ ދުވަހަކު ފުރިހަމަ އަދި ބުރަ ކަސްރަތެއް ކުރަން ނުޖެހިދާނެ އެވެ. ކޮންމެވެސް ސަބަބަކާ ހުރެ ފުރިހަމަ ކަސްރަތެއް ނުކުރެވުނު ކަމުގައި ވިޔަސް، އެކަން އެއްކޮށް ދޫކޮށް ނުލައި ހަރަކާތްތެރިވެ އުޅުމާއި، ހިނގުން ފަދަ ކުދިކުދި ހަރަކާތްތައް ދުވަހުގެ ތެރޭގައި ކުރިއަށް ގެންދިއުން މުހިއްމެވެ.
ކަސްރަތު ކުރުމަކީ ހަމައެކަނި ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ނުވަތަ ބަރުދަން ލުއި ކުރުމަށް އެކަނި ކުރާ ކަމެއް ނޫނެވެ. އެއީ ނަފްސާނީ ދުޅަހެޔޮކަމާއި، ސްޓްރެސް ކުޑަ ކުރުމަށާއި، ހިތްހަމަޖެހުމަށް ވެސް ކޮންމެހެން ބޭނުންވާ މުހިންމު ކަމެކެވެ.
ރާޖްގެ މި އިރުޝާދުތަކުގެ އެހީގައި ހަލަބޮލި ދިރިއުޅުމެއްގެ ތެރެއިން ވެސް ކަސްރަތު ކުރުން އާދައަކަށް ހަދައި، ސިއްހީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ކަށަވަރު ކުރެވޭނެ އެވެ.
ކުދިކުދި ބަދަލުތަކާއެކު ފަށައިގެން، މިކަމުގައި ދެމިހުރުމަކީ ކޮންމެ މީހަކަށް ވެސް ކޮށްލެވިދާނެ ކަމެކެވެ.
ވިތްހޯލްޑިން ޓެކްސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
އިމްރާމް ހާން ޖަލުން ހޮސްޕިޓަލަށް ބަދަލުކުރަން އަމުރުކޮށްފި
ގަލްފް ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި