މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސްގެ ނަމުގައި އެކުލާވި މަރުކަޒުން ކައުންސިލަރުން ތަމްރީނުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން މިނިސްޓަރު މިއަދު ދެއްވި ހިތޯބެއް ވިދާޅުވީ ކައުންސިލުން ތަމްރީނުކުރުމަށްޓަކައި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް މިހާރު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ އެ މަރުކަޒުން ދިނުމަށް ހަމަޖެހިފައިވާ ތަމްރީނުގެ ކަރިކިއުލަމް ވެސް މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކައުންސިލުން ތަމްރީނުކުރުމުގައި ބައިނަލްއަގްވާމީ ތަމްރީނުދޭ މަރުކަޒުތަކާއި ގުޅިގެން މަސައްކަތް ކުރާނެ އެވެ. އަދި ތަމްރީނުތަކަށް ބޭނުންވާ އިތުރު ތައްޔާރީތައްވެސް ވަމުން ގެންދާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަ މި ބަދަލާއި އެކު، ކައުންސިލްތަކުގެ މަސައްކަތްތައް ކުރެވޭ މިންވަރު ފުރިހަމަ ވެގެން ދާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޕާފޯމެންސް މިން ކުރުމަށް އެލްޖީއޭއިން އެކުލަވާލާ އުސޫލުތަކަށް އެ އޮތޯރިޓީން ބަދަލު ގެންނާނެ ކަމަށެވެ. އަދި ކައުންސިލް ތަކުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް، ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވެފައިވެ އެވެ.