މާލެ ސިޓީ ކައުންސިލުން މިއަދު ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާންމު ޖަލްސާގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ. އަދި މި ހުށަހެޅުމާއި އެކު 12 ކައުންސިލަރުންގެ އަގުލަބިއްޔަތުން ހުޅުމާލެ ރަޖިސްޓްރީ ބާތިލްކުރުމަށް ހުށަހެޅި ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.

އެއާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައި އޮންނަ ރަޖިސްޓްރީ، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވެގެންދާނެ އެވެ.

ސިޓީ ކައުންސިލުން ހުޅުމާލެ ފޭސް އެކެއް އާއި ފޭސް ދޭއް އެ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބޭއްވުމަށް ނިންމި ނިންމުމަށް އެޗްޑީސީން ހުއްދަ ހޯދަން އެ ކުންފުނިން ބުނެފައި ވަނިކޮށެވެ.

އެޗްޑީސީން އިއްޔެ ވަނީ ހުޅުމާލެ ސަރަހައްދުތަކުގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެ ކުންފުނީގެ ހުއްދައާއެކުގައި ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފަ އެވެ. އެހެން ނަމަވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެ ޖަލްސާ ބާއްވަން ހުއްދަ ދީފަ އެވެ.