ސަރުކާރުން ހިންގާ ތަރައްގީގެ ގިނަ މަޝްރޫއުތައް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ މިހަފްތާގެ ޕޮޑްކާސްޓްގައި އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް މަޝްރޫއުތަކުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޝްރޫއުތައް މަޑުޖެހެން މެދުވެރިވި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެވި، ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ރަށްރަށުގައި އަލުން މަޝްރޫއުތައް ހިނގަން ފަށާނެ އެވެ. އެގޮތުން ވަކިވަކި ދާއިރާތަކަށް ހާއްސަކޮށްގެން މަޝްރޫއުތައް ކުރިއަށްދާނެ ތާވަލެއް އެކުލަވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިހާރު ތާވަލުކޮށްފައިވާ ގޮތުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ މަޝްރޫއުތައް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިއަހަރުގެ ތެރޭގައިވެސް ބައެއް މަޝްރޫއުތައް ނިމޭނެ ކަމަށާއި، ޖުމްލަކޮށް ބަލާއިރު އަންނަ އަހަރަކީ އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ނިމިގެންދާނެ އަހަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، ބާކީ ހުރި މަޝްރޫއުތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ ތެރޭގައި ކުރިއަށްދާނެ އެވެ.