މިއަހަރުގެ މެއި/ ޖޫންގައި އޭ ލެވެލް އިމްތިހާނު ހެދި ދަރިވަރުންނަށް ނަތީޖާ ދޫކުރަން ފަށައިފި އެވެ.

މެދުކެނޑުމަކަށް ފަހު އަމިއްލަ ގޮތުން މެއި/ޖޫންގައި އޭ ލެވެލް ހަދަން ހުޅުވާލީ މި އަހަރު ފެބްރުއަރީ މަހު އެވެ. އެ މުއްދަތުގައި 1،229 ދަރިވަރުން އިމްތިހާނު ހަދާފައިވެ އެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ ކޭމްބްރިޖް އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިހާނު ހެދި ދަރިވަރުންނަށް މިއަދު މެންދުރު 12:00 އިން ފެށިގެން އެ ދަރިވަރަކު ނިސްބަތްވާ ސްކޫލަކުން ނަތީޖާ ދޫކުރަން ފަށާފައިވާ ކަމަށެވެ.

އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރުންނަށް މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 1:30 އަށް ސެޓްފިކެޓް ދޫކުރާނެ ކަމަށް ވެސް ޑީޕީއީން ބުނެ އެވެ.

ސެޓްފިކެޓް ނަގަން ދާއިރު އައިޑީ ކާޑު ގެންދަން ޖެހެ އެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ އިމްތިހާނު ހެދި ދަރިވަރުގެ އައިޑީ ކާޑުގެ ކޮޕީއަކާއި ބަލައިދާ މީހާގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށް ޑީޕީއީން ބުނެ އެވެ.

މި އަހަރު އިމްތިހާނު ހެދި ދަރިވަރުންގެ ތެރޭގައި ހިމެނެނީ މާލެއިން ބައިވެރިވި 916 ދަރިވަރުންނާއި އައްޑޫ، ހިތަދޫން ބައިވެރިވި 147 ދަރިވަރުންނެވެ. ފުވައްމުލަކުން 27 ދަރިވަރަކު ބައިވެރިވި އެވެ.

2019 ވަނަ އަހަރަށް ފަހު މެދުކަނޑާލާފައިވާ އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިހާނު، މިއަހަރުން ފެށިގެން އަލުން ރާއްޖޭގައި ބާއްވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މި ގޮތަށް ނިންމެވީ، އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އޭލެވެލް އެޑެކްސެލް މެއި، ޖޫން ސީރީސް އަލުން ފެށި ނަމަވެސް، ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އޭލެވެލް އިމްތިހާނު މިހާރެކޭ ވެސް އެއްގޮތަށް އޮންނާނީ، އޮކްޓޫބަރު/ ނޮވެމްބަރު މަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.