އަންހެން ކުދިންގެ ތައުލީމް ހޯދައިދިނުމަށް ކުރި މަސައްކަތްތަކުގެ ސަބަބުން އުމުރުން 16 އަހަރުގައި ނޮބެލް ޕްރައިޒް އެވޯޑް ހޯދާފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފް ޒާއީ ކައިވެނި ކޮށްފި އެވެ.
މިހާރު އުމުރުން 24 އަހަރުގެ މަލާލާ ކައިވެނި ކޮށްފައިވަނީ އިނގިރޭސިވިލާތުގެ ބާމިންގްހަމްގައި ހުންނަ އޭނާގެ ގޭގައި ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ. މަލާލާގެ ފިރިމީހާއާ ބެހޭ ގޮތުން މާގިނަ ތަފްސީލެއް އޭނާ ދީފައިނުވި ނަމަވެސް އައްސަރު މަލިކްއަކީ ޕާކިސްތާންގެ ކްރިކެޓް ބޯޑުގެ އިސް އޮފިޝަލެއް ކަމަށް ހަބަރުތައް ބުނެ އެވެ.
ކައިވެންޏަށްފަހު އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މަލާލާ ބުނީ މިއީ އާ ފެށުމެއް ކަމަށާއި އެންމެންގެ ހެޔޮ ދުއާއަށް އެދޭ ކަމަށެވެ.
މަލާލާއަކީ މުޅި ދުނިޔޭގައި ވެސް ނަންކިޔާ ޝަހްސިއްޔަތެކެވެ. 2012 ވަނަ އަހަރު ތާލިބާނުންގެ ހަނގުރާމަވެރިއަކު ދިން ބަޑީގެ ހަމަލާއެއް އަމާޒުވެ ލިބުނު ޒަހަމްތަކުން އަރައިގަތުމަށްފަހު އޭނާވަނީ އަންހެން ކުދިންގެ ތައުލީމާއި އެހެން ހައްގުތަކަށްޓަކައި ފާޅުގައި އަޑު އުފުލާފަ އެވެ.
މަލާލާ ކައިވެނި ކޮށްފައި މިވަނީ މިދިޔަ ޖުލައި މަހު ވޯގް މަޖައްލާއަށް ދިން އިންޓަވިއުއެއްގައި އޭނާ ދުވަހަކުވެސް ކައިވެންޏެއް ކުރާނެ ކަމެއް ނޭނގޭ ކަމަށް ބުނެފައި ވަނިކޮށެވެ.
އެ އިންޓަވިއުގައި ކައިވެންޏާ ބެހޭ ގޮތުން އޭނާ ދެއްކި ވާހަކަ ތަކަށް ޕާކިސްތާނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ މީހުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އިންޓަވިއުގައި އޭނާ ބުނެފައިވަނީ ކޮންމެހެން ކައިވެންޏެއް ކުރަން ޖެހޭ ސަބަބު މޭރުން ނުވާ ކަމަށާއި ދެމީހުން އެކުގައި އުޅެވޭނަމަ އެއީ ކާމިޔާބު ދިރިއުޅުމެއް ކަމަށެވެ.