ދިވެއްސެއްގެ ދަރިއަކު ނިއުޒީލެންޑްގެ ޕާލަމަންޓްގެ ގޮނޑިއެއް ކާމިޔާބު ކޮށްފި އެވެ.
ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަންގެ ލޭބާ ޕާޓީގެ ފަރާތުން ވާދަކުރި ޑރ. އައިޝާ ޖެނިފާ ވެރޯލްގެ މަންމައަކީ ދިވެއްސެކެވެ.
ޑރ. އައިޝާއަކީ ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅުގެ ކޮއްކޯފުޅު، ލަތީފާ އަހުމަދުގެ ދަރިކަނބަލެކެވެ. ރައީސް ނަޝީދާއި އައިޝާއަކީ ދެބެއިންގެ ދެ ދަރިންނެވެ. ޑރ. އައިޝާގެ ބައްޕާފުޅަކީ ނިއުޒިލެންޑްގެ ބޭފުޅެކެވެ.
ނިއުޒިލެންޑަށް އުފަން އަދި އެ ގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ. އައިޝާގެ އަތްޕުޅުގައި ދެ ގައުމުގެ ޕާސްޕޯޓު ވެސް އޮވެ އެވެ.
ޑރ. އައިޝާ އަކީ ނިއުޒިލެންޑްގެ އިންތިހާބު ކާމިޔާބު ކުރި ލޭބާ ޕާޓީގެ ކެންޑިޑޭޓެކެވެ. ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލޫީހުގެ އިންތިހާބުގައި ވާދަކުރައްވައި އޭނާ ކާމިޔާބު ކުރެއްވީ ވެލިންޓަން ދާއިރާގެ ގޮނޑިއެވެ. އަދި މިއީ އެ ގައުމުގެ އިންތިހާބެއްގައި ޑރ. އައިޝާ ވާދަކުރެއްވި ފުރަތަމަ ފަހަރެވެ.
ޑރ. އައިޝާއަށް އެނަން ދީފައި ވަނީ ވެސް އޭނާ އާއި ރައީސް ނަޝީދުގެ މާމާފުޅު އައިޝާ ދީދީގެ ނަންފުޅަށް ނިސްބަތްކޮށެވެ.
ޑރ. އައިޝާ އަކީ ސިޔާސީ ބޭފުޅެއްގެ އިތުރުން ނިއުޒީލަންޑްގައި މަޝްހޫރު ގައިން ގަޔަށް އަރާ ބަލިތަކުގެ ހާއްސަ ފިޒީޝަނެކެވެ. އަދި ޓީބީ ފަދަ ބަލިތައް ދިރާސާކުރައްވާ ތަޖުރިބާކާރެކެވެ. މީގެ އިތުރުން ޑރ. އައިޝާއަކީ ކޮވިޑް -19ގެ ކަންތައްތަކާ ގުޅޭ ގޮތުން ވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީއަށް ލަފާ ދެއްވާ ބޭފުޅެކެވެ.
ނިއުޒިލެންޑްގެ އިންތިހާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން، ގާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 64 ގޮނޑި ވަނީ ލޭބާ ޕާޓީން ކާމިޔާބު ކޮށްފަ އެވެ. މިއީ ވޭތުވެދިޔަ 50 އަހަރުގެ މުއްދަތުގައި ލޭބާ ޕާޓީ އިން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.