ފުރާވަރަށް އަޅައިގެން އަންނަ އުމުރަކީ ދަރިންގެ ހަޔާތުގައި ވަރަށް މުހިއްމު ދައުރެކެވެ. މި ދައުރުގައި ދުނިޔޭގެ އެކި ކަންކަމަށް ލޯ ހުޅުވި ނުބައި ގޯސް އާދަތަކުގައި ހިފުމަށް މަގު ހުޅުވެ އެވެ.
މީގެ ތެރެއިން އެއް އާދައަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. ފުރާވަރުގެ ދަރިން ދުންފަތާ ދުރުކުރަން މައިންބަފައިންނަށް ކުރެވިދާނެ ބައެއް ކަންކަމަށް މި ލިޔުމުގައި ކުރު ގޮތަކަށް ބަލާލާނަމެވެ.
ނޫންބަސް ބުނަން ދަސްކޮށްދިނުން
ފުރާވަރުގެ އުމުރުގައި ނުރަނގަޅު ރަހުމަތްތެރިންނާ ބައްދަލުވުމަކީ އެކަށީގެންވާ ކަމެެކެވެ. މިފަދަ ރައްޓެހިންގެ ފަރާތުން ދުންފަތުގެ އިސްތިއުމާލު ކުރަން ލިބޭ ދައުވަތުތަކަށް ނޫން ބަސް ބުނަން ދަރިންނަށް ދަސްކޮށްދެވިދާނެ އެވެ. އެ ދަރިންގެ ކުރިމަތީގައި ތިބާ ވެސް ދުންފަތަށް ނޫނެކޭ ބުނާށެވެ.
ސިއްހީ ގެއްލުންތައް އަންގައިދިނުން
ދުންފަތުގެ އިސްތިއުމާލުކުރުމުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތައް ކިޔައިދީ އަންގައިދިނުމަކީ ދަރިން ދުންފަތާ ދުރުކުރަން ކުރެވިދާނެ ކަމެކެވެ. މިގޮތަށް ވިސްނައިދޭއިރު ހަގީގީ ހާދިސާތަކުން މިސާލު ޖަހައި ދުންފަތުގެ އިސްތިއުމާލުކުރުމުން ހުރި ނުރައްކާ ރަނގަޅަށް އަންގައިދޭށެވެ.
މާލީ ލަފާ ދިނުން
ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދަ ހަރުލައިފި ނަމަ އެކަމުގެ ސަބަބުން ހޭދަވާނެ ޚަރަދާއި އެ އާދަ ދޫކޮށްލައިފި ނަމަ ފަހަށް ރައްކާ ކުރެވޭނެ ނުވަތަ މުހިއްމު ކަމެއް ކުރެވޭނެ ފައިސާ ސަލާމަތް ކުރެވޭނެކަން ކިޔައިދޭށެވެ. އެގޮތުން ހިސާބުތަކުން މިކަން އަންގައިދީ ފައިސާ ރައްކާ ކުރުމަށް ދަރިންނަށް ހިތްވަރުދޭށެވެ.