އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ޖެހިވަޑައިގެންފައިވާ ޕްރޮސްޓޭޓް ކެންސަރު ކަށިތަކަށްވުރެ ބޭރަށް ފެތުރި، އޭގެ ސަބަބުން ވަރަށް ބޮޑަށް ވޭން އަޅަމުންދާ ކަމަށް އެމަނިކުފާނުގެ ދަރިފުޅު ހަންޓާ ބައިޑަން ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފި އެވެ.
އޮގަސްޓް 7 ވަނަ ދުވަހު އިންޓަނެޓުގައި އާންމުކުރި ވީޑިއޯއެއްގައިވާ ގޮތުން، ބީބީސީގެ 'ނިއުސްނައިޓް' ޕްރޮގްރާމުގައި ވާހަކަދައްކަމުން ހަންޓާ ބައިޑަން ބުނީ، ކެންސަރު މިހާރު ވަނީ ކަށިތަކަށާއި ހަށިގަނޑުގެ އިތުރު ބައިތަކަށް ފެތުރިފައި ކަމަށެވެ. އަދި މިއީ ވަރަށް ވޭންދެނިވި، އަދި އެތައް ގޮތަކުން އިންސާނާ ބަލިކޮށްލާ ބައްޔެއް ކަމަށްވެސް އޭނާ ބުންޏެވެ.
ވައިޓް ހައުސްއިން ވަކިވެވަޑައިގަތްތާ ހަތަރު މަސްވެސް ނުވަނީސް، 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބައިޑަން ވަނީ އޭނާއަށް ނުރައްކާތެރި ވައްތަރެއްގެ ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން ހާމަކުރައްވާފަ އެވެ. އެ ދުވަސްވަރު އޭނާ ވިދާޅުވެފައިވަނީ ކެންސަރު ކަށިތަކަށް ފެތުރިފައިވާ ކަމަށެވެ.
ބައިޑަންގެ ތަރުޖަމާނަކު އޮކްޓޯބަރު މަހު ބުނެފައިވާ ގޮތުގައި، އޭނާ ގެންދަވަނީ ރޭޑިއޭޝަން އަދި ހޯމޯން ތެރަޕީގެ ފަރުވާ ހޯއްދަވަމުންނެވެ.
2020 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ބައިޑަންއަކީ އެމެރިކާގެ ރައީސްކަމަށް އިންތިހާބުވި އެންމެ ދުވަސްވީ ބޭފުޅާ އެވެ. 2021 އިން 2025 އަށް ކުރެއްވި ރައީސްކަމުގެ ދައުރުގައި، ބައިޑަންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ސިކުނޑީގެ ހޭލުންތެރިކަމާ މެދު ގިނަ ބައެއްގެ ސުވާލުތަކާއި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
ބައިޑަން ވަނީ މިދިޔަ ޖޫން މަހު ޗިކާގޯގައި ބޭއްވި ބަރަކް އޮބާމާގެ ރިޔާސީ ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. ބައިޑަންއަކީ 2009 އިން 2017 އަށް އޮބާމާގެ ނައިބު ރައީސްގެ މަގާމު ފުރުއްވި ބޭފުޅާ އެވެ.
ބައިޑަންގެ ރިޔާސީ ހަނދާންތަކުގެ މައްޗަށް ލިޔެފައިވާ ފޮތް ނޮވެމްބަރު 17 ގައި ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.
"ބިންތަކުގެ ބާރު ނަގާ އިސްލާހާއެކު މަޝްރޫއުތައް އަވަސް ވާނެ"
އެއްބަސްވުމާއެކު ހޮރްމުޒް ކަނޑުއޮޅި ހުޅުވާނުލާނެ: އީރާން
ފިލްމެއް ޕްރޮމޯޓް ކުރަން ހޮލީވުޑް ބިލްބޯޑުގައި މީހަކު ދިރިއުޅެނީ!
