"ދަނޑުވެރި މަންފާ" އެގްރިބިޒްނާސް މެޗިން ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ލޯނު އިސްލާމީ ފައިނޭންސިން ނިޒާމަށް ބަދަލުކޮށް އިފްތިތާހުކޮށްފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)" ގެ ދަށުން ކުރިއަށްދާ "ދަނޑުވެރި މަންފާ" އަކީ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމެކެވެ. ކުރިން ދެމުން އައި "ނަފާ" ލޯނު ސްކީމް އިސްލާމީ ފައިނޭންސް ނިޒާމަށް ބަދަލުކޮށް ތައާރަފުކުރި އިރު، މި ދެ ސްކީމަކީ ވެސް އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ހިންގާ ދެ ސްކީމެވެ.
ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، މަންފާ ގްރާންޓުގެ ދެވަނަ ބުރު ހުޅުވާލާފައި ވަނީ ހަމައެކަނި ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށެވެ. އެއީ ގްރީންހައުސް ހަދައިގެންނާއި، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށެވެ.
މި ސްކީމަށް ކުރިމަތިލާން މިހާރު ހުޅުވާލާފައިވާއިރު މިނިސްޓްރީން ބުނީ އެޕްލިކޭޝަން ބަލައިގަންނާނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މީގެ ތެރެއިން މަންފާ ސްކީމް ހާއްސަކޮށްފައި ވަނީ ހއ. ހދ. އަދި ށ. އަތޮޅުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަށެވެ. މީގެ އިތުރުން އެ އަތޮޅުތަކުގެ އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށް ވެސް މި ފުރުސަތު އޮންނާނެ އެވެ.
"ދަނޑުވެރި ނަފާ" ފައިނޭންސިން ފެސިލިޓީއަކީ ޒަމާނީ ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކަށް އެހީތެރިވެދިނުމަށް ތައާރަފުކުރި ފެސިލިޓީއެކެވެ. މީގެ ތެރޭގައި އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗާއާއި، ވާޓިކަލް ނުވަތަ ޓެރަސް ގާޑެނިން ހިމެނެއެވެ. އަދި ކުދި ޖަނަވާރާއި ކުޅިވަރުގެ ދިރުންތައް ގެންގުޅުމާއި، އެގްރޯ ޕްރޮސެސިން، އެގްރޯފޮރެސްޓްރީ އަދި ޕްލާންޓް ނާސަރީ ގާއިމުކުރުންވެސް ހިމެނެއެވެ.
މީގެ އިތުރުން ޖަނަވާރުންގެ ދުޅަހެޔޮކަމަށް ދެވޭ ވެޓެރިނަރީ ސާވިސްއާއި، ޕެޓް ފާމް އަދި ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށް ވެސް މި ފެސިލިޓީގެ ދަށުން ފައިސާ ދޫކުރާނެއެވެ.
މި ދެ ސްކީމުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިންނަށް އިންވެސްޓްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި ރާއްޖޭގެ އިގްތިސާދާއި ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކޮށް، ޒަމާނީ ދަނޑުވެރިކަމަށް ޒުވާނުން އަހުލުވެރިކުރުވުމެވެ.
އިޒްރޭލް ސިފައިން ޣައްޒާއިން ފައިބަން ދެކޮޅު ހަދައިފި
މުޅިން އާ ގޭމް ޝޯއަކާއެކު އަނިލް އެނބުރި ޓީވީ ސްކްރީނަށް!
ޖޯ ބައިޑަންގެ ކެންސަރު އިތުރަށް ފެތުރި އުޅުއްވަނީ ވަރަށް ވޭނުގައި