އިދިކޮޅު ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަކީ ދިވެހި ރައްޔިތުންގެ މުދަލުގައި ހުޅުޖަހައި، ރައްޔިތުންގެ މުދަލަށް އަރައިގެންފައިވާ ބައެއް ނޫންކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހިނާ މިހެން ވިދާޅުވީ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އޮފީހުން ވައްކަން ކުރަނީ އިދިކޮޅުން ފަރާތްތަކުން ކަމަށް ތުހުމަތު ކުރެވޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ޢަލީމަނިކު (މޫކޭ) ވިދާޅުވެ، ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.
ހީނާ ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގައި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމާއި އެފަދަ އަމަލުތަކަށް ހިއްވަރުދީ ތާއީދު ވެސް ކުރާ ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މުދަލުގައި ހުޅު ޖެހި މީހުން ރައްޔިތުންނަކަށް އޮޅިފައި ނޯންނާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
"ޕީޕީއެމް، ޕީއެންސީ އަކީ އެއްވެސް އިރަކު ހުޅުޖަހާ ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ބައެއްނޫން. އެކަންކަމަށް ހިތްވަރުދީ ތާއީދެއް ވެސް ނުކުރާނެ. އެފަދަ ކަންކަން ހިންގުމުގެ ހިސްޓްރީ އޮތީ މިސަރުކާރުގެ ތިއްބެވި ބޭފުޅުންގެ. އެކަން ފެބްރުއަރީ 8 ގައި ރާއްޖޭގެ ހުރިހާ ދިމާލަކުން ފެނިގެންދިޔަ،" ހީނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ އާރްޑީސީ ތިން ފަހަރަށް ފަޅާލާ ވަގަން ކުރިއިރު އެތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރެވިފައިނުވާތީ ސަރުކާރަށް ވަނީ ފާޑުވިދާޅުވެފަ އެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ފުރާޅުގެ ޓިނު ނައްޓައި، ސީލިން ފޫއަޅުވާލައިގެން އާރުޑީސީ އޮފީހުން ވަނީ ތިންވަނަ ފަހަރަށް ފަޅާލާ، ވައްކަން ކޮށްފަ އެވެ. މިކަމާ ގުޅިގެން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ މިއީ އިދިކޮޅު ރާވައިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް ދެ ފަހަރަށް އެ އޮފީސް ފަޅާލާ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ.
ދޭތެރެ ދޭތެރެއިން އާރުޑީސީން ވައްކަންކުރުން އާންމުވެފައި ވާތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫކޭއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެ، އޭނާގެ ގާބިލުކަމާއި މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ހީނާތިޔަވިދާޅުވީ ހަމަރަނގަޅަށް 2012 ފެބްރުއަރީގެ މާކުރިންވެސް މަގުމަތީ އަލިފާންބޯޅަ އުކާ ރަށްޔިތުންގެ އެތަށްމުދަލަކަށް ގެއްލުންދީ މައުމޫނު ދައުރުގައި ރަށްޔިތުންގެ މަޖްލިސް ރޯކޮށް ދަރުބާރުގޭ ބޮންގޮށްވާ ހެދީ އެމްޑީޕީ ފިކުރުގެ އަންނި ކިޔާމީހާ ކުރީގަސަފުގައި ހުރެގެންކަން މާޒީއަށްބަލާއިރު ވަރަށް ރަނގަޅަށް ފެންނަން ހުންނާނެ ވަރަށް ވަރަށް ސާފް އިނގޭތޯ