ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު އެ ދެ ކޯޓުގެ މަސައްކަތްތައް ހަލުއިވެގެންދާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެ އެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާކުރެއްވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ރައީސް ހުސްނީ ވިދާޅުވީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި އިންސާފު ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ޝަރުއީ ދާއިރާގެ އަގު ވެއްޓޭނެ ކަމަށެވެ. އެހެންކަމުން މިއަހަރު ނިމެންވާއިރު ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ޝަރުއީ ދާއިރާއިން ކޯޓުތަކުން ގިނަ މައްސަލަތަކެއް ނިންމައި ނަތީޖާތަކެއް ހާސިލުކުރޭ. އެހެން ނަމަވެސް ޝަރުއީ ދާއިރާއާމެދު އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ، ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުން. ވަކިން ހާއްސަކޮށް ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކާއި ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަސްގޮތެއްގައި ނިންމުން،" ޖޭއެސްސީގެ ރައީސް ހުސްނީ ވިދާޅުވި އެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރި ފަނޑިޔާރު މަގާމުގެ ހުވާ މިއަދު ކުރައްވަނީ.

ހުސްނީ ވިދާޅުވީ އެ ކޮމިޝަނުން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އިތުރު ކުރުމަށް ނިންމީ އެ ދެކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރުވެ، އެ ދެކޯޓުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނާ ހަވާލުކުރަން ޖެހޭ މައްސަލަތައް ގިނަވެ، އެކަށިގެންވާ އަވަސްމިނެއްގައި މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ދިމާވާތީ ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް 1،913 އައު މައްސަލަ ހުށަހަޅާފައިވާއިރު، އެއީ 17 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް މަހަކު އެވްރެޖުކޮށް 18 މައްސަލަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސިވިލް ކޯޓުގެ މައްސަލަތައް ލަސްވުމުގެ ޝަކުވާ ކޮމިޝަނަށް ލިބޭކަން ފާހަގަކުރައްވައި ހުސްނީ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ފަނޑިޔާރުންގެ އަދަދު 19 އަށް އިތުރު ކުރުމަށް ނިންމެވީ ކަމަށެވެ. އަދި އެ ކޯޓުގައި މިވަގުތު 3218 މައްސަލަ ނުނިމި އެބައޮތް ކަމަށާއި، އާ ފަނޑިޔާރުންނާއެކު މައްސަލަތައް ނިންމުން އަވަސް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށްވެސް 1098 މައްސަލަ ހުށަހަޅާފައިވާއިރު، މިއީ މިހާރު އެ ކޯޓުގައި ތިއްބެވި 13 ގާޒީންގެ ތެރެއިން ކޮންމެ ބޭފުޅަކަށް މަހަކު އެވްރެޖުކޮށް 15 މައްސަލަކަން ފާހަގަކުރެއްވި އެވެ. އަދި މިހާރު އެ ކޯޓުގައި 1،626 މައްސަލަ ނުނިމި އެބައޮތް ކަމަށާއި އަލަށް އައްޔަން ކުރި ފަނޑިޔާރުންނާއެކު އެ ކޯޓުގެ މައްސަލަތަކަށް ވެސް އަވަސް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރި ފަހުން އެ ކޯޓުގެ މައްސަލަތައް ހަލުއިވިވެފައިވާ ކަން ވެސް ހުސްނީ މުބާރިކް ފާހަގަ ކުރެއްވި އެވެ. އެގޮތުގައި ހުރިހާ ކޯޓުތަކުގެ ފަނޑިޔާރުން ވެސް މަސައްކަތް ކުރައްވައި ރައްޔިތުންގެ މެދުގައި ޝަރުޢީ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް އޭނާ ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އެ ކޮމިޝަނުން ވަނީ މިއަދު ފަސް ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެއީ ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އަދި ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުންނެވެ. މި ފަނޑިޔާރުންނަށް ފަތްކޮޅު ދެއްވީ ޖޭއެސްސީގެ ރައީސް އެވެ.

ސިވިލް ކޯޓަށް ގާޒީން ހޯދުމަށް އިއުލާންކޮށް އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު ޖޭއެސްސީން އެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމެވީ ގއ. ކަނޑުހުޅުދޫ، ރީލްމަންޒިލް، މުހައްމަދު ނިޝާތު އާއި ރ. ހުޅުދުއްފާރު ރޯޒްވިލާ، އާސިޔާ އަޒީމާ އެވެ.

ކްރިމިނަލް ކޯޓަށް ގާޒީން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން އެ ކޯޓަށް އައްޔަން ކުރައްވާފައި ވަނީ ޅ. ކުރެންދޫ ނޫރާނީމާގެ، ސުލައިމާން މުހައްމަދު އާއި ހއ. ދިއްދޫ ޑޭޒީމާގެ، އަހުމަދު ތައުފީގު އަދި ތ. ވޭމަންޑޫ ޑްރީމް، މުހައްމަދު އަބްދުﷲ އެވެ.