ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީހުން ތަކުރާރުކޮށް ވައްކަން ކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
އާރުޑީސީ އޮފީސް މިއަހަރު ތެރޭގައި ތިން ފަހަރަކު ފަޅާލާ ވަގަން ކޮށްފައިވާތީ އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މޫކޭ ވިދާޅުވީ މިފަދަ އަމަލުތަކަކީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެކަން އިދިކޮޅުން ކުރަނީ ކުށުގެ ރެކޯޑު އޮންނަ ފަރާތްތައް ބޭނުންކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ތުހުމަތު ކުރެވޭ. މި ކޮންމެ ފަހަރަކު ހައްޔަރު ކުރެވޭ މީހުންގެ ތެރޭގައި އާރުޑީސީގެ އެއްވެސް މުވައްޒަފަކު ހިމެނިފައި ނުވޭ. އާރުޑީސީގައި ވަގުން ނޫޅޭނެ." މޫކޭ ވިދާޅުވި އެވެ.
މީގެ ކުރިން މި އަހަރު ދެ ފަހަރެއްގެ މަތިން އާރުޑީސީ އޮފީސް ފަޅާލާފައިވާއިރު، އޭޕްރީލް މަހު އެ އޮފީސް ފަޅައިލާ އެތަނަށް ވަން ބަޔަކުވަނީ 100،000 ރުފިޔާ ވަގަށް ނަގާފަ އެވެ. އަދި ހަފުތާއެއްހާ ދުވަސް ފަހުން ދެވަނަ ފަހަރަށް އޮފީސް ފަޅައިލި އެވެ. އެ ފަހަރު ގެންގޮސްފައިވަނީ 3،000 ރުފިޔާ އެވެ.
އެ މައްސަލާގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ވެސް އެ އޮފީސް ފަޅާލައި ވައްކަން ކުރި އެވެ. އެ ފަހަރު ލައްކައެއްހާ ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ.
މިއަދު ރިޕޯޓް ކޮށްފައިވާ ހާދިސާގައި ވަގަށް ނަގާފައި ވަނީ ކިހައި އަދަދެއްގެ ފައިސާއެއްކަން އަދި ކަށަވަރެއް ނުވެ އެވެ.
އިދިކޮޅަށް އަމާޒުކޮށް މިފަދަ ތުހުމަތެއް މޫކޭ ކުރެއްވި އިރު ބައެއް ފަރާތްތަކުން ދަނީ އެ އޮފީސް ފަޅާޅުމުގައި އޮފީހުގެ ފަރާތްތަކެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރަމުންނެވެ.