ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަގްސަދުގައި ބޭންކުން ހިންގާ ހިލޭ އެހީގެ ފަންޑެއް ކަމަށެވެ.
ބޭންކް ފަންޑަށް ހޮވުނު ޖަމިއްޔާތަކާއި މަޝްރޫއުތަކަކީ:
- ދިއްދޫ ކުރިމަގު: ހއ. ދިއްދޫގައި "ހައިވް"ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ހާއްސަ މަރުކަޒެއް ގާއިމުކުރުން. މިއީ ޑިޖިޓަލް ތައުލީމާއި، އައު އީޖާދުތަކާއި، އިޖުތިމާއީ އެކި ހަރަކާތްތަކަށް ހާއްސަ މަރުކަޒެއް.
- ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ށ. ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަޙައްދުގައި "މާމުލި އިކޯ ޕާކް" ތަރައްގީ ކުރުން. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމަޢުގެ އެކި ބޭނުންތަކަށް ފަރުމާކުރެވޭ ތަނެއް.
- ލާމު ފާމާސް އެސޯސިއޭޝަން: ލ. ފޮނަދޫ އަދި ލ. ގަމުގައި "ފަހިގޮވާން ވެލިއު- އެޑެޑް އެގްރޯ- ޕްރޮސެސިން ހަބް" ގާއިމުކުރުން. މިއީ ދަނޑުވެރިންނަށް އެހީތެރިވުމަށާއި، ލިބޭ މަންފާ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެގެން ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫއެއް.
- ބްލޫ ގިލްޑް ފައުންޑޭޝަން: ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލްގައި ދަރިވަރުންގެ ހުނަރު ތަރައްގީ ކުރުމަށް "މޭކާ ސްޕޭސް" އެއް ގާއިމުކުރުން. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ބޭނުންވާ އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެއް.
- ކަލައިދޫ ވިންގްސް: ލ. ކަލައިދޫ ބަނދަރުގައި "ކަލައިދޫ ވިންގްސް ހިޔާ" ތަރައްގީކުރުން. މިތަނުގައި ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ގާއިމްކުރުމާއި، ފާޚާނާ އާއި، ކުޑަ ލައިބްރަރީއެއްގެ އިތުރުން ޑިޖިޓަލް ނޯޓިސް ބޯޑެއް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައި.
ބީއެމްއެލް އިން ބުނިގޮތުގައި "ބޭންކް ފަންޑް"އަކީ ބޭންކަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ އަހަރަކު ވެސް ފާހަގަ ކޮށްލެވޭ ފަސް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދޭ ފަންޑެކެވެ. ބީއެމްއެލްގެ އަމާޒަކީ ދިވެހި މުޖުތަމައު ބާރުވެރި ކުރުވައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެއްބާރުލުން ދިނުމެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުން އަންނަނީ މުޖުތަމައުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް މުހިންމު އަހުމިއްޔަތު ކަމެއް ދެމުން ކަމަށެވެ. އަދި މިހާތަނަށް ބޭންކް ފަންޑްގެ ދަށުން މިވަނީ 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. އަދި ބޭންކުން ކުރިން ހިންގި ކޮމިއުނިޓީ ފަންޑްގެ ދަށުން 100 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ވަކިކޮށްފި
ބިޑަކާ ނުލައި މަނިޔަފުށި ނުއަގުގައި އާމިރު މަންސޫރަށް ދީފި
މަޖިލީހުގެ ދައުރު މި މަހުގެ 20އަށް ދަންމާލައިފި