ގުއާންޒޫ (12 ޖޫން) - މިމަހުގެ އެގާރަ ވަނަ ދުވަހު ކުއްލިއަކަށް 35 ކޮވިޑް ކޭސް ޗައިނާގައި ފެނިފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު 22 ކޭސް އިތުރު އަދަދެއް ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
މި ހުރިހާ ކޭސް އެއް ފެނިފައިވަނީ ޗައިނާގެ ގުއަންގް ޑޮންގް ޕްރޮވިންސުން ކަމަށް ވީއިރު، އޭގެ ތެރެއިން ގިނަ ކޭސްތަކަކީ ކޮމިއުނިޓީ ސްޕްރެޑެއްގެ ތެރެއިން ފެތުރިފައިވާ ކޭސް ތަކެވެ.
މިއާއެކު އެ ގައުމުގެ ފޮޝަންޝަދީ އެއާޕޯޓްގެ ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށް، ކުރިއަށް އޮތް ދިހަ ދުވަހަށް އެ އެއާޕޯޓް ބަންދުކޮށްފައިވާ ކަމަށް ފޮޝަން ސަރުކާރުގެ ރަސްމީ ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
ފޮޝަންއަކީ ގުއަން ޑޮން ޕްރާވިންސްގެ މެދުގައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގައި މެއި މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑް ކޭސްތައް އިތުރުވަމުންދާ ކަމަށް ރެކޯޑުތަކުން ދައްކަ އެވެ.
އެ ޕްރޮވިންސްގެ ވެރިރަށް ކަމަށްވާ ގުއަންޒޫގައި ރެންޑަމް ސާމްޕަލް ނެގުމުގެ ބޮޑު ޕްރޮގްރާމެއް ކުރިއަށްދާއިރު، އެ ސަރަހައްދާ ގުޅިފައިވާ ސަރަހައްދުތަކުގައި ފުރަބަންދު ވެސް ވަނީ އިއުލާންކޮށްފަ އެވެ.
މީގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ ގުއަންޒޫގައި އާއްމު އެއްވުންތައް ބޭއްވުމާއި ވިޔަފާރިކުރުމާ ގުޅޭ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ.
ހުކުރު ދުވަހާއި ހަމައަށް ޗައިނާގައި ޖުމްލަ 91،394 ކޮވިޑް ކޭސް ފެނިފައިވާއިރު، އެބަލީގައި މަރުވެފައިވަނީ 4،636 މީހުންނެވެ. – ދަ ސްޓްރެއިޓްސް ޓައިމްސް