ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 47 އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ.
މިއީ މި ބަލީގައި މިއަދު މަރުވި ދެވަނަ މީހާ އެވެ. މިއަދު ފުރަތަމަ މަރުވީ ހަމަ އެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 54 އަހަރުގެ ފިރިހެނެކެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 153 ވަނަ މީހާ އެވެ.
މިހާރުވެސް ހޮސްޕިޓަލްތަކުގައި މި ބައްޔަށް ޕޮޒިޓިވްވެފައިވާ ގިނަ އަދަދެއްގެ ބަޔަކަށް އަންނަނީ ފަރުވާދެމުންނެވެ.
ކަންބޮޑުވާންޖެހޭ މިންވަރަށް ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ އެކު ޒަރޫރީ ބޭނުމެއްގައި ނޫނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި މޮނިޓަރިންގެ ހާލަތަށް ގެނެވޭ ކޮންމެ ރަށެއްގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ވެސް ވަނީ ނިންމާފަ އެވެ.
މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ވެރިރަށް މާލޭގައި ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ފުލުހުން ދޭ ޚާއްސަ ފާހަކާ އެކު ނޫނީ ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.