ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުން އަދަދު 101 އަށް އަރައިފި އެވެ
އެޗްޕީއޭ އިން މިއަދު ބުނީ، ކޮވިޑްގައި 101 ވަނަ މީހަކަށް މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 70 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ. އޭނާ މަރުވީ އިރުއޮއްސި 6:00 ގަ އެވެ.
މިއީ ކޮވިޑް ބަލީގައި މިއަދު މަރުވި ހަތަރު ވަނަ މީހާ އެވެ. ރާއްޖޭގެ ކޮވިޑް ބަލީގައި މިމަހު ވަނީ 25 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
މިކަމާ ގުޅޭ ގޮތުން ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ކޭސްތައް މަދު ނުވާ ކަމަށާއި މިހާރު ކޮންޓެކްޓް ޓްރޭސް ވެސްކުރުން ވަރަށް ބޮޑަށް އުނދަގޫ ވެފައިވާ ކަމަށެވެ. އަދި ހުރިހާ ނަރުހުންހެން ކޮވިޑް-19 އާ ގުޅޭ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާތީ އައިޖީއެމްއެޗްގެ ބައެއް ވޯޑުތައް އެއްކޮށް ހުއްޓިފައިވާ ކަމަށް ޑރ.މުހައްމަދު އެވެ.
މީގެ އިތުރުން ސިއްހީ މަސައްކަތްތެރިންގެ ޑިއުޓީ އަދާކުރާ ވަގުތު ދުވާލަކު 12 ގަޑިއިރަށް އިތުރު ކުރަން ވެސް ނިންމާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބަލީގެ ނުރައްކާ އެންމެ ބޮޑު ދުވަސްވަރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ނަމްބަރުތައް މިހާރު ހުރީ 1،000 ވުރެ މައްޗަށް އަރާފަ އެވެ. އަދި މި އަދަދުގައި ހުންނަތާ މީވަނީ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 44،523 އަރާފަ އެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ވެސް 100 އަށް ވަނީ އަރައިފަ އެވެ.