ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދޭ ސެގްމެންޓްތަކުގެ ތެރެއިން އެންމެ ފަހު ސެގްމެންޓް މާދަމާ ހަރުކޮށް، ދެ ރަށް ބްރިޖުން ގުޅާލަން ނިންމައިފި އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނިން މައުލޫމާތު ދީފައިވާ ގޮތުގައި މި ތާރީހީ ކާމިޔާބީ ފާހަގަކުރުމުގެ ހާއްސަ ހަރަކާތް އޮންނާނީ މާދަމާ ހެނދުނު 11:00 ގަ އެވެ.

މި ފަހު ސެގްމެންޓާއެކު މާލެއާއި ވިލިމާލެ ގުޅުވައިދޭ ބްރިޖުގެ "ސުޕަ ސްޓްރަކްޗާ" ނުވަތަ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ފުރިހަމަވާނެ އެވެ. ނަމަވެސް ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، އަލިކުރުމާއި ފިނިޝިން މަސައްކަތްތަކަށް އިތުރު ވަގުތު ނަގާނެތީ، އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ އެ މަސައްކަތްތައް އެކީ ނިމުމުންނެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ އޯގަސްޓު މަހު އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގައި އެފްކޮންސްއާ ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އޯގަސްޓު 2، 2022 ގަ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މަސައްކަތް ނިންމަން އެކި ތާރީހުތައް ދިން ނަމަވެސް، މަޝްރޫއު ވަރަށް ބޮޑަށް ދިގުލައިގެން ގޮސް، އޭރު ކަނޑައެޅި މުއްދަތަށް މަސައްކަތް ނިންމިފައެއް ނުވެ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަޝްރޫއުގެ ނިމިފައި ވަނީ އެންމެ 27 އިންސައްތަ މަސައްކަތް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ހާމަކޮށްފައިވެ އެވެ.