ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަރުހަލާގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެކަން ހައްލުކުރުމަށް އިތުރު ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފޯމުތައް ޗެކްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެޕްލިކޭޝަންގައިވާ މައުލޫމާތާއި ދައުލަތުގެ އެކި މުއައްސަސާތަކުންނާއި ކައުންސިލްތަކުން ލިބިފައިވާ މައުލޫމާތުތަކާ ދެމެދު އެއްވެސް ފުށުއެރުމެއް އުޅޭނަމަ، އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ހާމަކުރަމުން ގެންދާނެ ކަމަށެވެ. އަދި މިފަދަ ބަދަލެއް އަތުވެއްޖެނަމަ، އެޕްލިކޭޝަނުގައި ޖަހާފައިވާ މޯބައިލް ނަންބަރަށް އެސްއެމްއެސްއަކުން އެކަން އަންގާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިގޮތުން ޕޯޓަލް މެދުވެރިކޮށް ފޮނުވާ ނޯޓިހުގައިވާ ކަންކަމަށް އިއުތިރާޒުކުރާނަމަ ނުވަތަ އެއީ ސައްހަ ނޫން މައުލޫމާތެއް ކަމަށް ދެކޭނަމަ، އެކަމުގެ ހެކިތަކާއި ލިޔެކިޔުންތައް ހުށަހެޅުމަށް ލިބޭނީ ކަލަންޑަރު ހަތް ދުވަހެވެ. މި މުއްދަތު ހަމަވާއިރު ޖަވާބުދާރީ ނުވެވިއްޖެނަމަ، އެ ފޯމަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ ފޯމެއްގެ ގޮތުގައި ކަނޑައަޅައި ބާތިލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހަމައެއާއެކު، ފާހަގަކުރެވޭ މައްސަލަތަކަށް ޖަވާބު ހުށަހެޅޭނީ ހަމައެކަނި ރަސްމީ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އީމެއިލް ނުވަތަ ސިޓީ ފަދަ އެހެން އެއްވެސް ވަސީލަތަކުން ފޮނުވާ ލިޔުންތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ސާފުކޮށްދީފަ އެވެ.
މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ފަށާފައިވާ ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަން މަރުހަލާގައި ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ރެކޯޑުތަކަށް ރިއާޔަތްކުރަމުންދެ އެވެ.
މި ސްކީމުގެ ދަށުން 7,900 ފްލެޓާއި 1,250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ޖުމްލަ 58,505 ފޯމު ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ.
ރައީސް މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި، މި އަހަރު ނިމުމުގެ ކުރިން އެކަން ރަސްމީކޮށް އިއުލާނުކުރައްވާނެ ކަމަށެވެ.
އެވެންޖާސް: ޑޫމްސްޑޭއަށް މިހާރު ވެސް ބޮޑު ކާމިޔާބެއް!
އާ ބަދަލުތަކަކާއެކު ޑިޒްނީގެ ތީމް ޕާކްތަކަށް މުޅިން އާ ރަހައެއް!