ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ "އަމާން ދޯދި" އަދި "އަމާން ހިޔާ" ޓަވަރުތަކުގެ ކޮމާޝާލް ޔުނިޓުތައް ދޫކޮށްފައިވާ ވިޔަފާރިތަކާއި އެ ތަންތަން ދޫކުރި އަގަކީ ވިޔަފާރި ސިއްރެއް ކަމަށް ބުނެ، އެ މައުލޫމާތު ހާމަކުރުމަށް އެ ކުންފުނިން ދެކޮޅުހަދައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުގެ ނޫސްވެރިޔަކު ހުށަހެޅި ސުވާލަށް އެފްޑީސީން ފުރަތަމަ ދިން ޖަވާބުގައި ކޮމާޝަލް ޖާގައިގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ސަރަހައްދާއި، ކުއްޔަށް ދޫކޮށްފައިވާ ރޭޓުތަކާއި، ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ އިތުރުން ތަންތަން ހަވާލުކުރި އުސޫލުތަކުގެ މައުލޫމާތު ހިއްސާކުރި އެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކުރި 32 ޓަވަރުގެ އެންމެ ތިރިއާއި ފުރަތަމަ ފަންގިފިލާއިން ގާތްގަނޑަކަށް 215،000 އަކަފޫޓުގެ ޖާގަ ކޮމާޝަލް ސަރަހައްދުގެ ގޮތުގައި ކަނޑައަޅައި، ޖުމުލަ ހަ ޒޯނަކަށް ބަހާލާފައިވާ ކަމަށް ބުންޏެވެ.
މި ޒޯންތަކަކީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ހާއްސަކުރެވިފައިވާ ތަންތަނެވެ.
އެފްޑީސީން ބުނެފައިވާ ގޮތުގައި މި ޔުނިޓުތައް ދޫކޮށްފައި ވަނީ އަކަފޫޓަކަށް 15 ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި މި ތަންތަނުން ކުލީގެ ގޮތުގައި އަހަރަކު 50 މިލިއަނާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 250 މިލިއަނާއި 350 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އާމްދަނީގެ ގޮތުގައި ލިބޭނެ އެވެ.
މީގެ އިތުރުން އެ ޖާގަތައް ދޫކޮށްފައި ވަނީ ސަރުކާރުގެ ކުންފުނިތަކަށާއި، ބޮޑެތި ވިޔަފާރިތަކުގެ އިތުރުން އަލަށް ފަށާ ވިޔަފާރިތަކަށް ކަމަށް ބުނި ނަމަވެސް، އެ ތަންތަން ދޫކުރި ސާފު ތަފުސީލެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
އެ މައުލޫމާތުތައް ހާމަނުކުރުމުން އެ ޖަވާބު އަލުން މުރާޖައާ ކުރުމަށް ހުށަހެޅުމުން، އެފްޑީސީގެ މުރާޖައާ ކޮމިޓީން ވެސް ނިންމީ އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާއާއި 25 ވަނަ މާއްދާގެ އިތުރުން އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގެ މާއްދާތަކުން އިސްތިސްނާ ކުރެވިފައިވާ ވިޔަފާރި ސިއްރުތަކެއް ކަމަށެވެ.
ނަމަވެސް އާންމުކޮށް އެއްވެސް އިސްތިސްނާއެއް ނެތި ރާއްޖޭގެ ހުރިހާ ވިޔަފާރިއަކަށް ވެސް ކުރިމަތިލެވޭ ގޮތަށް ދޫކުރާ އާންމު ތަންތަނުގެ ކުލީގެ އަގާއި، އެ ތަންތަން ހިފި ވިޔަފާރިތަކުގެ ނަންތައް ފަދަ މައުލޫމާތު ސިއްރުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ގާނޫނުގެ ދަށުން ހިފެހެއްޓޭނެ މައުލޫމާތުތައް ވަރަށް ތަފުސީލުކޮށް ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އެފްޑީސީގެ މި ނިންމުމާމެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އިމްރާމް ހާން ޖަލުން ހޮސްޕިޓަލަށް ބަދަލުކުރަން އަމުރުކޮށްފި
ކަތިވަޅިއަކުން މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި
މުއިއްޒު ޕްރޮމޯޓްކުރަން ޕީއެންސީން 100 މީހުންނަށް ވަޒީފާ ދީފި