ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ އުސޫލަށް ބަދަލު ގެނެސް، ގަނޑުކޮށް ކޮތަޅު ގަންނަ ފަރާތްތަކުގެ އަތުން ފީ ނުނެގޭ ގޮތަށް ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ. މި ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ އެއްވެސް ބަދަލެއް ނުގެނެސް ބިލު އޮތްގޮތަށް ފާސްކުރުމަށެވެ. މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ އެ ކޮމިޓީގެ ރިޕޯޓެވެ.
މިހާރު އަމަލުކުރަމުންދާ ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮތަޅު ފީ އިސްތިސްނާވަނީ ތިން ހާލަތެއްގައެވެ. އެއީ:
- ޑިއުޓީ ފްރީ ފިހާރަތަކުން ދޭ ނުވަތަ ވިއްކާ ކޮތަޅު.
- ބަންދުނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅު.
- ކުނި މެނޭޖްކުރާ އިދާރާތަކުން ކުނި އެޅުމަށް ހާއްސަކޮށް ދޫކުރާ ނުވަތަ ވިއްކާ ބިންލައިނަރު.
ނަމަވެސް، މިއަދު ފާސްކުރި އިސްލާހާއެކު، 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި (ހޯލްސޭލްކޮށް ގަންނަ ކޮތަޅު) ވެސް ފީ ދެއްކުމުން އިސްތިސްނާވާނެއެވެ.
މީގެއިތުރުން، މި ބިލުގައި ޖީއެސްޓީއަށް ރަޖިސްޓްރީނުކުރާ ވިޔަފާރިތަކުން ދޫކުރާ ކޮތަޅުން ވެސް ފީ ނެގޭނެ އިންތިޒާމު ހަމަޖައްސައި، އެ ފައިސާއާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލުމަށް ކަމާބެހޭ މިނިސްޓްރީއަށް ވަނީ ލާޒިމްކޮށްފަ އެވެ. އަދި ޖީއެސްޓީއަށް ރަޖިސްޓްރީނުވާ ތަންތަނުން ވެސް ފީ ނަގާތޯ ކަށަވަރު ކުރުމަކީ މިނިސްޓްރީގެ ޒިންމާއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނަށް މީގެ ކުރިން އަމަލުކުރަން ފެށުމާއެކު، ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓް ފަދަ ވިޔަފާރިތަކުން ހޯލްސޭލްކޮށް ކޮތަޅު ގަންނައިރު ވެސް ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ މަގުން ފީ ދައްކަން ޖެހެއެވެ. އަދި އެ ތަންތަނުން ކަސްޓަމަރުންނަށް މުދާ ދޫކުރާއިރު އަނެއްކާވެސް ފީ ނަގަން ޖެހުމުން، އެއް ކޮތަޅަކުން ތަކުރާރުކޮށް ފީ ނެގޭ މައްސަލައިގައި އާންމުންނާއި ވިޔަފާރިވެރިންގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.
ހައްޖު ކިއު އާންމު ނުކުރާތީ ކޯޕަރޭޝަންގެ ވެރިން މަޖިލީހަށް
މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ އުސޫލު ބަދަލުކުރަނީ
އަޔާޑާގެ އެއް އަހަރުގެ ކުލި އޮތީ ނުދައްކާ