ހުކުރު ދުވަހުގެ ރެއާއި ބުދަ ދުވަހާ ދެމެދުގެ ވަގުތެއްގައި ޗައިނާގެ ދެ ރޮބޮޓް މާސްގެ ބިމަށް ޖެއްސުމުގެ މަސައްކަތް ކުރަމުމުން އެބަ ގެންދެ އެވެ.
މި ޖެއްސުން ކާމިޔާބުވެއްޖެ ނަމަ ޗައިނާ ވާނީ މާސްގެ ބިމަށް އުޅަނދެއް ފޮނުވައި އެ އުޅަނދު އޮޕަރޭޓުކުރަން ފަށާ ދެވަނަ ގައުމު ކަމުގަ އެވެ. މިދިޔަ ފެބްރުއަރީން ފެށިގެން މާސްގެ އޯބިޓުގައި ހަރަކާތްތެރިވަމުން ގެންދާ ޗައިނާގެ ޖައްވީ އުޅަނދު ޓިއަންވެން-1 ން ގެންދިޔަ ރޯވަރާއި އޭގެ ލޭންޑަރާއެކު މާސްއަށް ދޫކޮށްލުމުން މާސްގެ އެޓްމޮސްފިއާގައި ހަތް މިނިޓުގެ ދަތުރަކަށް ފަހު މާސްގެ ބިމަށް ތިރިކުރާނެ އެވެ.
މިއީ ގާތްގަނޑަކަށް ދުނިޔެއާ 200 މިލިއަން މޭލުގެ ދުރުމިނުގައިވާ މާސްއަށް ޗައިނާއިން އެކަނި ކުރާ ދަތުރުގައި ކަޑައްތުކުރެވޭ ވަރަށް ޚާއްސަ މަރުހަލާއަކަށް ވާނެ އެވެ.
މިހާތަނަށް މާސްއަށް ކާމިޔާބުކަމާއެކު ތިރިކޮށް މާސްގައި އުޅަނދެއް އޮޕަރޭޓް ކޮށްފައިވަނީ ހަމަ އެކަނި އެމެރިކާގެ ނާސާއިންނެވެ. 1971 ވަނަ އަހަރު އޭރުގެ ސޯވިއެޓު ޔުނިއން އިން ވެސް ވަނީ މާސް އަށް އުޅަނަދެއް ފޮނުވައިފަ އެވެ. މި އުޅަނދު މާސްއަށް ޖައްސައި ބިމާ 20 ސިކުންތު ވަންދެން މުވާސަލާތުކުރުމަށް ފަހު ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ.
ފުރަތަމަ ފަހަރުން ކާމިޔާބުކަމާއެކު އުޅަނދެއް މާސްއަށް ޖައްސައި މާސްގައި ހަރަކާތް ތެރިވާން ފަށާ ފެންވަރަށް ކާމިޔާބުވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ.
ހުރިހާ ކަމެއް ރަނގަޅަށް ހިނގައްޖެ ނަމަ މާސްގެ ބިމަށް ޗައިނާގެ ލޭންޑާ ޖެއްސުމަށްފަހު އެއާއެކު ގެންދާ ހަ ފުރޮޅުލީ ސޯލާ ހަކަތައިން މަސައްކަތްކުރާ ރޯވާ މާސްގެ ބިމަށް ދޫކޮށްލާނެ އެވެ. މި ރޯވާގައި ތަފާތު އެތައް ބާވަތެއްގެ އާލާތްތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ބާރު ގަދަ ދެ ކެމެރާއާއި މާސްގެ ބިންގަނޑު ތަހުލީލުކުރަން ބޭނުންކުރާނެ ރާޑަރަކާއި މެގްނެޓިކް ފީލްޑް ޑިޓެކްޓަރެއް ވެސް ހިމެނެ އެވެ.
ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން އިން ބުނިގޮތުގައި 2020 ޖުލައި23 ގައި "ޓިއަންވެން-1" އުދުއްސާލީއް ސުރެ މިހާތަނަށް އޭގެ ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށެވެ.
ޗައިނާއިން ބުނިގޮތުގައި މިހާތަނަށް ވެސް އެ އުޅަނދުން ވަނީ ސައިންޓިފިކް ވަރަށް ގިނަ މައުލޫމާތުތަކެއް އެއްކޮށްފަ އެވެ. ޕްލޭނާ އެއްގޮތަށް ކަންތައް ދާނަމަ ހުކުރު ދުވަހުގެ ޗައިނާ ގަޑިން ހަވީރު 7.11 އިން ފެށިގެން ބުދަ ދުވަހާ ދެމެދުގެ ކޮންމެ ވެސް ވަގުތެއްގައި ޗައިނާގެ ރޯވާ މާސްގައި ޖައްސާނެ އެވެ. މި އުޅަނދު ޖައްސާނީ މިހާރު އެމެރިކާގެ ރޯވާ ވެސް ހަރަކާތްތެރިވަމުންގެންދާ ހިސާބަށެވެ. ޗައިނާގެ ރޯވާއިން މާސްގައި ވަރަށް ގިނަ ސައިންޓިފިކް ހޯދުންތަކެއް ހޯދާނެ ކަމަށްވެ އެވެ.
ޗައިނާ އަކީ ހަނދުގެ ދުނިޔެއާ ދުރު ހިސާބަށް އެންމެ ފުރަތަމަ އުޅަނދެއް ޖެއްސި ގައުމެވެ. 2019 ވަނަ އަހަރުގެ މި ކާމިޔާބު މިޝަނަށް ފަހު މިދިޔަ ޑިސެމްބަރުގައި އެ ގައުމުން ވަނީ ހަނދަށް ދެވަނަ ދަތުރެއްކޮށް ހަނދުން ހިލަ ނަގައިގެން ބިމަށް ގެނެސްފަ އެވެ.
ދާދި ފަހުން ޗައިނާއިން ވަނީ އެ ގައުމުން ބިނާކުރަން ފަށައިފާ ޖައްވީ ސްޓޭޝަންގެ ބައެއް ކާމިޔާބުކަމާ އެކު ޖައްވުގައި ގާއިމުކޮށްފަ އެވެ. މިވަގުތު މާސްގައި ބޮޑު މިޝަނެއް ޗައިނާއިން ހިންގި ކަމަށް ވިޔަސް ޗައިނާގެ ކުރިއަރަމުން އަންނަ ޖައްވީ ޕްރޮގްރާމްގައި މައިގަނޑު ފޯކަސް އޮތީ ހަނދަށެވެ.
ހަނދުގައި ސްޓޭޝަނެއް ހަދައި ރަޝިޔާއާ ގުޅިގެން ހަނދުގައި ހަރަކާތްތެރިވުމުގެ ޕްލޭނެއް ޗައިނާއިން ވަނީ އިއުލާންކޮށްފަ އެވެ.