އިންޑިއާގެ ޓީވީ ތާރީހުގައި އެންމެ މަގުބޫލު އަދި އެންމެ ގިނަ ދުވަސްވީ އެއް ކްރައިމް ސިލްސިލާ ކަމަށްވާ "ކްރައިމް ޕެޓްރޯލް"އަށް ބޮޑު ބަދަލެއް އައިސްފި އެވެ.

ގިނަ އަހަރުތަކެއް ވަންދެން އެ ޝޯގެ މޫނުގެ ގޮތުގައި ފެނިގެންދިޔަ މަޝްހޫރު އެކްޓަރު އަނޫޕް ސޯނީގެ ބަދަލުގައި، މި ޝޯގެ އާ ހޯސްޓެއްގެ ގޮތުގައި ބޮލީވުޑްގެ ސުޕަސްޓާ އަޖޭ ދޭވްގަން ވަނީ ހަމަޖައްސާފަ އެވެ.

މިއީ ބޮލީވުޑްގެ އެކްޝަން އަދި ސީރިއަސް ރޯލުތަކުން ފެންނަ އަޖޭ ދޭވްގަން، ޓީވީ ސިލްސިލާއެއްގެ ހޯސްޓެއްގެ ގޮތުގައި ފެންނާނެ ފުރަތަމަ ފަހަރެވެ. ހަބަރުތައް ބުނާގޮތުގައި، އަޖޭ ވަނީ "ކްރައިމް ޕެޓްރޯލް 2026: ކްރައިމް ކާ ކަރަންޓް ސީޒަން"ގެ ނަމުގައި ނެރޭ އާ ސީޒަންގެ 15 އެޕިސޯޑެއްގެ ޝޫޓިން މިހާރު ވެސް ނިންމާލާފަ އެވެ.

ނަމަވެސް، މިއީ ދާއިމީ ކޮންޓްރެކްޓެއް ނޫން ކަމަށާއި، 15 އެޕިސޯޑަށްފަހު އޭނާ އިތުރަށް ޝޯގައި ދެމިހުންނާނީ ބެލުންތެރިންގެ ތަރުހީބާއި ޓީއާރުޕީ ރޭޓިންގްސްއަށް ބެލުމަށްފަހު ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

މި އާ ސީޒަންގެ ފުރަތަމަ އޮފިޝަލް ޕްރޮމޯ މިހާރު ވަނީ އާންމު ކޮށްފަ އެވެ. މި ޕްރޮމޯގައި އަޖޭ ދޭވްގަން ވާހަކަ ދައްކަމުން ބުނެފައިވަނީ، ކުޑައިރުއްސުރެ އަހަރެމެންނަށް ދަސްކޮށްދެނީ ނުދަންނަ ބީރައްޓެހިންނާމެދު ސަމާލުވުމަށާއި ރޭގަނޑު ގޭގޭގެ ދޮރުތައް ތަންޑުލާފައި ބެހެއްޓުމަށް ކަމަށެވެ.

ނަމަވެސް، މިހާރު ހިނގާ ގިނަ ކުށްތަކުގައި ކުށްވެރިޔަކީ މީހާ ދަންނަ، އެގޭގެ އެޑްރެސް އެނގޭ އަދި ކާ މޭޒުދޮށުގައި އެކުގައި އިށީންނަ ގާތް މީހެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

އޯގަސްޓް 31 އިން ފެށިގެން ސޮނީ އެންޓަޓެއިންމަންޓް ޓީވީ އަދި ސޮނީ ލިވް މެދުވެރިކޮށް ދައްކަން ހަމަޖެހިފައިވާ މި ޝޯއާ ގުޅޭގޮތުން އަޖޭ ބުނީ، "ކްރައިމް ޕެޓްރޯލް" ފަދަ އިޖުތިމާއީ ހޭލުންތެރިކަން އިތުރުކޮށްދޭ ޝޯއަކާ ގުޅުމަކީ އޭނާގެ ފޭނުންނާއި ބެލުންތެރިންނަށް އޮތް ބޮޑު ޒިންމާއެއް ކަމަށެވެ.

މީގެ މަގުސަދަކީ ބެލުންތެރިން ބިރުގަންނެވުން ނޫން ކަމަށާއި ގައުމު ސިއްސުވާލި ހާދިސާތަކުން އިބުރަތް ހޯދައި، ބެލުންތެރިންގެ ރައްކާތެރިކަމާއި ހޭލުންތެރިކަން އިތުރުކުރުން ކަމަށް އޭނާ ބުންޏެވެ.

"ސިންގަމް"، "ގަންގާޖަލް" އަދި "ޑްރިޝްޔަމް" ފަދަ ކާމިޔާބު ފިލްމުތަކުގައި ފުލުހެއްގެ އަދި ކުށުގެ ތަހުގީގުތަކާ ގުޅޭ ރޯލުތަކުން ފެނިފައިވާ އަޖޭ ދޭވްގަން މި ޝޯއާ ގުޅުމުން، ޝޯއަށް ވަރަށް ބޮޑު އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ގިނަ ފަރާތްތަކުން އުއްމީދު ކުރެ އެވެ.

އަޖޭގެ އިތުރުން، މި ސީޒަންގެ ބައެއް އެޕިސޯޑުތައް ހުށަހަޅައިދިނުމުގައި މަޝްހޫރު އެކްޓަރު ރާޖޭޝް ތައިލަންގްވެސް ބައިވެރިވާނެ ކަމަށް ވަނީ ހަބަރު ލިބިފަ އެވެ.