ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރު ވިއްކާ އަގުތައް އާންމުން ހުށަހަޅައިގެން ދައްކައިދޭ "ޔޫއެސްޑީއެމްވީއާރު.ކޮމް" ވެބްސައިޓަށް ރާއްޖޭގެ އައިޕީ އެޑްރެސްތަކުން ނުވަދެވޭ ގޮތަށް ބްލޮކްކޮށްފި އެވެ.

އެ ސައިޓު ބޭނުންކުރާ އާންމުން އެކްސްގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކުރިން އެ ސައިޓަށް ސީދާ ވަދެވުނު ނަމަވެސް މިހާރު ވަދެވެނީ ވީޕީއެން މެދުވެރިކޮށް އެހެން ގައުމެއްގެ އައިޕީ އެޑްރެސް ބޭނުންކޮށްގެންނެވެ.

މި ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދާފައި މިވަނީ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ތާރީޚުގައި ފުރަތަމަ ފަހަރަށް 22 ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ ދަނޑިވަޅެއްގަ އެވެ. މިއަދު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.10 ރުފިޔާއަށް އަރާފައިވާއިރު، މިއީ ރަސްމީ ރޭޓަށްވުރެ 6.68 ރުފިޔާ ނުވަތަ 43.3 އިންސައްތަ ބޮޑު އަގެކެވެ.

ދާޚިލީ އިގުތިސޯދުގައި ޑޮލަރު ތާށިވެ އަގު އުފުލެމުންދާ މައްސަލައާ ގުޅޭގޮތުން ސަރުކާރުން ބުނަމުންދަނީ، މިއީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕުކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެނަމަ، ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށެވެ.