ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އިތުރު ތިން ބޭފުޅަކު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ރޭ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމީ:

  1. އަހުމަދު ތައުފީގު، ހއ. ދިއްދޫ، ޑޭޒީމާގެ
  2. ސުލައިމާން މުހައްމަދު، ޅ. ކުރެންދޫ، ނޫރާނީގެ
  3. މުހައްމަދު އަބްދު ﷲ، ތ. ވޭމަންޑޫ، ޑްރީމް

ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން އިއުލާން ކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 29 މީހަކު ކުރިމަތިލާފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި މިހާރު ވެސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނެ އެވެ.

ޖޭއެސްސީން މި ތިން ބޭފުޅުން އައްޔަން ކުރަން ނިންމާފައިވީ ނަމަވެސް، އެ ކޮމިޝަނުން މިކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ ތިން މަގާމަކަށް ވެސް ކުރިމަތިލާން ޖޭއެސްސީން ވަނީ ހުޅުވާލާފަ އެވެ. އެ މަގާމުތަކަށް 42 ބޭފުޅަކު ކުރިމަތިލާފައިވީ ނަމަވެސް، ސިވިލް ކޯޓަށް އައްޔަން ކުރަން ނިންމި ބޭފުޅުންގެ މައުލޫމާތު އަދި ސާފުވާ ގޮތެއް ނުވެ އެވެ.