ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި އާންމުންގެ ސޮއި ހޯދުމުގެ ޕެޓިޝަނެއް ފަށައިފި އެވެ.
މި ޕެޓިޝަންގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރެއްވީ އެކްޓިވިސްޓް މިދުއަމް ސައުދުއެވެ. މި ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތެކެވެ. އެ ބިލަކީ ސަރުކާރުގެ އެންގުމަށް ހަންނާން ހުށަހެޅި ބިލެކެވެ.
ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ބާރުތައް ކެނޑިގެންދާނެ އެވެ. އަދި އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުން ފަހިވާނެ އެވެ. ޕެޓިޝަންގައި މި އިސްލާހު ސިފަކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފު އަދި ރައްޔިތުންގެ ބާރު ހަނިކުރާ ކަމެއްގެ ގޮތުގަ އެވެ.
މި ބިލު ހުށަހެޅުއްވި މެންބަރު ހަންނާން މީގެކުރިން ވިދާޅުވެފައިވަނީ އިސްލާހުގެ މައިގަނޑު ބޭނުމަކީ ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުން ކަމަށެވެ. އަދި ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ކައުންސިލްގެ އިހުތިސާސުން ބިން ވަކިކުރެވޭތީ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ ބިން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް އޮތުމަކީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ކަމެކެވެ.
ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން މުވައްޒަފުން ނެގުމާއި ބިން ކުއްޔަށް ދިނުން ކޮންޓްރޯލްކުރުމަށް ވެސް މީގެ ކުރިން ވަނީ ގާނޫނަށް ބަދަލުތަކެއް ގެނެސްފަ އެވެ. ސަރުކާރުގެ މަޝްރޫއުތަކަށް ބައެއް ކައުންސިލްތަކުން ހުރަސްއަޅާ ކަމަށް ސަރުކާރުގެ އިސްވެރިން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އިސްދޫގައި ހުއްދަ ނުނަގައި ގިނަ އަދަދެއްގެ ރުއްތަކެއް ނަގައިފި
ގިނައިން ފެން ބުއިމަކީ އަބަދުވެސް އެންމެ ރަނގަޅު ގޮތްތަ؟
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
