"ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މީހުން ހޯދުމަށް ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު އަށް މީހުން ދޯނީގައި ތިބި އިރު، އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. ނަމަވެސް، ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި އަޑިއަށް ގޮސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފަ އެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ނ. މަނަދޫ. ފުލޫނިޔާގެ، ޕޮލިސް ސާޖަންޓް އަލީ ނާފިއުއާއި، ސިފައިންގެ މީހެއް ކަމަށްވާ ގދ. ތިނަދުއަށް ނިސްބަތްވާ އިބްރާހީމް އަހުމަދުގެ އިތުރުން އަޑިއަށް ދިޔަ ދޯނީގެ ކައްޕި ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫނެވެ. އޭގެ ތެރެއިން ނާފިއުއަކީ ގއ. ވިލިނގިލީ މީހަކާ އިނދެގެން އުޅޭ ދެ ކުދިންގެ ބައްޕައެކެވެ. އަދި އިބްރާހީމް އަހުމަދުގެ ތިން ކުދިން ތިބެ އެވެ.
ހަމައެއާއެކު ދޯނީގެ ތެރޭގައި އެ މީހުން ތާށިވެފައި ތިބިތޯ ބެލުމަށް އެމްއެންޑީއެފުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވަނީ ސިފައިންނަށް ފާޑު ވެސް ކިޔައިފަ އެވެ. އެގޮތުން ބައެއް މީހުން ފާހަގަކުރާ ގޮތުގައި އެމްއެންޑީއެފްގައި އެފަދަ ފުން ތަނެއްގައި އޮތް އެ ދޯނި ތެރެ ބެލުމުގެ ގާބިލްކަން ނެތް ނަމަ، އަވަށްޓެރި އިންޑިއާ ނުވަތަ ޗައިނާ ފަދަ ގައުމުތަކުގެ އެހީތެރިކަމަށް އެދިގެން ވެސް އެ މަސައްކަތް އަވަސްކުރަން ޖެހެ އެވެ.
އެ މީހުން ހޯދުމަށް ހަމައެކަނި ކަނޑާއި ވައިގެ މަގުން އިތުރު ސަރަހައްދުތައް ބަލަމުން ދިޔުމަކީ ހަމައެކަނި ނަމެއްގައި ކުރާ ކަމެއްގެ ގޮތުގައި މިހާރު ސިފަވަމުން އަންނަ ކަމަށް ވެސް އާންމުން ބުނެ އެވެ.
ކަން އެހެން އޮއްވައި އެ މިނިސްޓްރީން މިވަނީ، ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަން ނިންމިކަން ހާމަކޮށްފަ އެވެ. އެ މިނިސްޓްރީން ވަނީ ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާ ނުލައި ކުރިއަށްދާ ކަމުގެ ޔަގީންކަން ދީފަ އެވެ.
މުޒާހަރާ ކުރިއަށްގެންދަން ބޭނުންވަނީ މަޖީދީމަގުގައި: އެމްޑީޕީ
ޖޯ ބައިޑަންގެ ކެންސަރު އިތުރަށް ފެތުރި އުޅުއްވަނީ ވަރަށް ވޭނުގައި