ސައުދީ އަރާމްކޯގެ ޖީޒާން ރިފައިނަރީއަށް ޔަމަނުގެ އީރާނާ ގުޅުން އޮންނަ ހޫތީން ހަމަލާދީފި އެވެ. މި ހަމަލާ ދީފައިވަނީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން ބޮޑުވަމުންދާތީ، ސައުދީ އަރަބިއްޔާއިން ތުރުކީ އާއި ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރިތާ ދެ ދުވަސް ފަހުންނެވެ.

އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ ޝަރުތުތަކާ މެދު އަދިވެސް ދެބަސްވުންތައް އުފެދިފައިވާއިރު، ސައުދީން އެމީހުން ހިސާރުކޮށްފައިވާ ކަމަށް ބުނެ، ހޫތީން ވަނީ މިދިޔަ މަހު ރަތްކަނޑުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރު ހުއްޓުވުމުގެ އަމުރެއް އިއުލާނުކޮށްފަ އެވެ. ނަމަވެސް، ރިޔާދުން މި ތުހުމަތުތައް ދޮގުކުރެއެވެ.

ސައުދީގެ އެނާޖީ މިނިސްޓްރީން ބުނި ގޮތުގައި، ރިފައިނަރީގައި އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވެ، ފަހުން ވަނީ އަލިފާން ނިއްވާލާފަ އެވެ. އަދި ކަމާބެހޭ ފަރާތްތަކުން އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏަސް، ހާދިސާ މެދުވެރިވި ސީދާ ސަބަބެއް ހާމައެއް ނުކުރެއެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ އެކްސް ގައި ހާމަކުރި ގޮތުގައި، އެ ރިފައިނަރީއަށް ހަމަލާދިނުމަށް ބޭނުންކުރީ ޑްރޯން އެވެ. ސައުދީގެ ހުޅަނގު ދެކުނުގައި ދުވާލަކު 400،000 ފީފާގެ ސާފުނުކުރާ ތެޔޮ އުފައްދާ ޖީޒާންގައި ހުންނަ އަރާމްކޯގެ މަރުކަޒުތަކަށް މީގެ ކުރިންވެސް ހޫތީން ވަނީ ހަމަލާދީފަ އެވެ. މީގެ އިތުރުން ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫއަށްވެސް މީގެ ކުރިން ހަމަލާދީފައިވެއެވެ.

ޔަހްޔާ ސަރީ ނެރުނު އެހެން ބަޔާނެއްގައި ބުނެފައިވަނީ، ޔަމަނުގެ ރަތްކަނޑުގެ އައްސޭރީގައި އޮންނަ މޯކާ ބަނދަރަށްވެސް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. ތާރީހީ މި ބަނދަރު ކޮންޓްރޯލް ކުރަނީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ، އަދި ރިޔާދުގެ ތާއީދު އޮންނަ އަދަންގައި ގާއިމްވެފައިވާ ޔަމަނުގެ ސަރުކާރުންނެވެ.

ރޮއިޓާސްއަށް ލިބިފައިވާ ކޮންސަލްޓަންސީ ރިޕޯޓަކާ ހަވާލާދީ ބުނެފައިވަނީ، ޖީޒާން ރިފައިނަރީ ޖުލައި މަހުގެ ފަހުކޮޅު ބަންދުކޮށްފައިވާ ކަމަށެވެ. ޔަމަން ސަރުކާރުގެ ތިން މަސްދަރަކުން ރޮއިޓާސްއަށް ބުނި ގޮތުގައި، ބަނދަރުގެ ވިޔަފާރި ސަރަހައްދަށާއި ގުދަންތަކަށް ހޫތީން ފޮނުވާލި ޑްރޯންތައް ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފަ އެވެ.

ސަރީ ބުނި ގޮތުގައި ހޫތީންގެ މި ހަމަލާތައް އަމާޒުކުރީ އެ ސަރަހައްދުގައި ތިބި ސައުދީ ސިފައިންނަށާއި ހަތިޔާރު ގުދަންތަކަށެވެ. ނަމަވެސް ޔަމަނަށް ދިން މި ހަމަލާތަކާ ގުޅޭގޮތުން ސައުދީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކާއެކު ސަރަހައްދީ ހަމަނުޖެހުން އިތުރުވެފައިވާއިރު، އީރާނާއި އެގައުމާ ގުޅުން އޮންނަ ހަތިޔާރު އެޅި ޖަމާއަތްތަކުން ދަނީ ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ގައުމުތަކަށް ހަމަލާދީ، ހަކަތަ އުފުލާ އުޅަނދުތައް ހުއްޓުވަމުންނެވެ.

އަރާމްކޯގެ ޗީފް އެގްޒެކެޓިވް އަމީން ނާސިރު މިދިޔަ ހަފުތާގައި ވިދާޅުވީ، ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ކުންފުނީގެ މަރުކަޒުތަކަށް ދާދި ފަހުން ދިން ހަމަލާތަކުގެ ސަބަބުން އުފެއްދުންތެރިކަމަށް ކޮންމެވެސް ވަރެއްގެ ބުރޫއެރުމެއް އައި ނަމަވެސް، ވަރަށް އަވަހަށް އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކަށް ނުވަތަ މާލީ ހާލަތަށް މާބޮޑު އަސަރެއް ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރައި، އިގްތިސާދަށް ލޮޅުން އެރުވި މި ހަމަލާތަކާ ގުޅިގެން، ސައުދީ އަރަބިއްޔާއިން ވަނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ބައިވެރިން ކަމަށްވާ ތުރުކީ އާއި ޕާކިސްތާނާއެކު އިއްތިހާދެއް އުފައްދާފަ އެވެ. މި އެއްބަސްވުމުގެ މަގްސަދަކީ ކޮންމެފަދަ ހަމަލާއަކުން ދިފާއުވުމުގެ ގާބިލްކަން އިތުރުކުރުމެވެ. މި އެއްބަސްވުމުގައިވާ ގޮތުން މި ތިން ގައުމުން ކުރެ ގައުމަކަށް ދޭ ހަމަލާއަކީ ތިން ގައުމަށްވެސް ދޭ ހަމަލާއެއް ކަމަށް ބެލެވޭނެއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ހާކާން ފިދާން ވިދާޅުވީ، މި އާ އިއްތިހާދަކީ އީރާނާ ނުވަތަ އެހެން ގައުމަކާ ދެކޮޅަށް އުފެއްދި އިއްތިހާދެއް ނޫން ކަމަށާއި، މިއީ ތިން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް އެންމެ ފަހުން ދިން މި ހަމަލާތަކަށް ސައުދީން ދޭނެ ރައްދެއްގައި ޕާކިސްތާނާއި ތުރުކީ ބައިވެރިވާނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ފިދާން އިތުރަށް ވިދާޅުވީ، ބައިވެރި ގައުމަކަށް ހަމަލާއެއް ކުރިމަތިވެއްޖެ ހާލަތެއްގައި، ބޭނުންވާ އެހީތެރިކަމުގެ މިންވަރާއި ބާވަތް ނިންމާނީ ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.