އެމެރިކާއިން އީރާނުގެ އަސްކަރީ އަމާޒުތަކަށް އާ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، ސަރަހައްދުގެ އިތުރު ވިޔަފާރި މަގުތައް ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނި ގޮތުގައި، އެމެރިކާގެ އުދުވާނީ އަމަލުތައް ހުއްޓާލަންދެން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ އެވެ. މީގެ އިތުރުން، ސަރަހައްދުގެ ތެލާއި ގޭސް އެކްސްޕޯޓް ކުރާ އެހެން މަގުތައްވެސް ބަންދުކޮށްފާނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފަ އެވެ.
މި އިންޒާރު އައިސްފައިވަނީ، ބުދަ ދުވަހުގެ ހެނދުނު އީރާނަށް އަމާޒުކޮށް ޑްރޯން، ވައިގެ މަގުން އަދި ކަނޑުގެ މަގުން ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރުމާ ގުޅިގެންނެވެ. މިއީ އޭގެ ކުރިން ހަތް ގަޑިއިރަށް ދެމިގެންދިޔަ އޮޕަރޭޝަނަކަށް ފަހު ދިން ހަމަލާތަކެކެވެ.
ފަހަކަށް އައިސް އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން، ދުނިޔޭގެ އިގްތިސާދަށް ހޮރްމުޒް ކަނޑުއޮޅީގެ މުހިންމުކަން ވަނީ ވަރަށް ބޮޑަށް ހާމަވެފަ އެވެ. އަދި މި ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. ސަބަބަކީ އެ މަގުން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކުގެ ދަތުރުފަތުރު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވުމެވެ.
ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުދަ ދުވަހުގެ ހަމަލާތަކުގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އާންމު މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދިނުމަށް އީރާނުން ގެންގުޅޭ ގާބިލުކަން އިތުރަށް ބަލިކަށިވެފައިވާ ކަމަށެވެ. ގްރޭޓާ ޓުންބް އައިލެންޑްގައި ހުރި އީރާނުގެ ކޯސްޓަލް ޑިފެންސް ސިސްޓަމްތަކާއި ކްރޫޒް މިސައިލް ރައްކާކުރާ އަދި ފޮނުވާ ތަންތަނަށް އަމާޒުކޮށް 90 މިނެޓުގެ ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.
އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުން އަލުން މަޝްވަރާގެ މޭޒަށް ނައިސްފިނަމަ، އަންނަ ހަފުތާގައި އެ ގައުމުގެ ފާލަންތަކާއި އިންޖީނުގެތަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެފަ އެވެ. ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ހަކަތައާ ގުޅޭ އަމާޒުތަކަށް ހަމަލާދިނުން އެންމެ ފަހަށް ބޭއްވި ނަމަވެސް، އެންމެ ފަހުން އެ ތަންތަނަށްވެސް ހަމަލާ ދޭނެ ކަމަށެވެ.
މި ނުތަނަވަސްކަން ބޮޑުވެފައިވަނީ، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން 20 އިންސައްތައިގެ ޓެކްސްއެއް ނަގާނެ ކަމަށް ވިދާޅުވި ވިދާޅުވުން ބަދަލުކުރައްވައި، އޭގެ ބަދަލުގައި ގަލްފުގެ ގައުމުތަކާއެކު ބޮޑެތި ވިޔަފާރީގެ މުއާމަލާތްތައް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވުމަށްފަހު އެވެ.
އީރާނުގެ އާންމު ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ކުރިން ދެއްވި އިންޒާރުތަކާ ގުޅިގެން، އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާ ތުރުކް ވަނީ އެކަން ކުށްވެރިކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އާންމުންނާއި އާންމު ވަސީލަތްތަކަށް ގަސްދުގައި ހަމަލާދިނުމަކީ ހަނގުރާމައިގެ ކުށެކެވެ.
މީގެ އިތުރުން، އަންގާރަ ދުވަހުގެ ރޭ އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށް، އެތަންތަނަށް އުޅަނދުފަހަރު ވަނުމާއި ނިކުތުން މަނާކޮށްފަ އެވެ. މި ބަންދުކުރުން ކުރިން އުވާލާފައިވަނީ މިދިޔަ މަހު ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ކަނޑުއޮޅީގެ މައްސަލައިގައި އުފެދުނު ދެބަސްވުންތަކާ ހުރެ މަސްރަހު އަލުން ވަނީ ގޯސްވެފަ އެވެ.
އެމެރިކާގެ މި ފިޔަވަޅާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން އިންޒާރު ދިނީ، އެމެރިކާއާއި އެ ގައުމުގެ ބައިވެރިންގެ މަސްލަހަތު އޮންނަ ތެލާއި ގޭހުގެ އެހެން މަގުތައްވެސް ބަންދުކުރާނެ ކަމަށް ބަލައިގެން ތިބުމަށެވެ. އެއީ ކޮން މަގުތަކެއް ކަމެއް އެ ފަރާތުން ސާފުކޮށްދީފައެއް ނުވެއެވެ. ހަމައެއާއެކު، އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުރުދުން، ކުވައިތު އަދި ބަހުރޭންގައި ހުރި އެމެރިކާގެ އަމާޒުތަކަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ވަކިވަކި ހަމަލާތަކެއް ދީފަ އެވެ. މި ގައުމުތަކުން ބުނާ ގޮތުގައި އީރާނުން ފޮނުވާލި ޑްރޯންތަކާއި މިސައިލްތައް އެ ގައުމުތަކުން ވަނީ ވައިގެ ތެރޭގައި ހުއްޓުވާފަ އެވެ.
އެމެރިކާއިން އީރާނުގައި ހިންގި މިޝަންއަކަށް ހޮލީވުޑް ފިލްމެއް!
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ހިދުމަތްފަށައިފި