ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރެއްވުމަށް މިއަދު އެ ކުންފުންޏަށް ވަޑައިގަތް މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލަރުންނަށް އެޗްޑީސީގެ ސެކިއުރިޓީން ހުރަސްއަޅައިފި އެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި ކައުންސިލަރުން އެޗްޑީސީއަށް ވަޑައިގަތީ އެޕޮއިންޓްމަންޓަކާ ނުލަ އެވެ. އެޗްޑީސީގެ ސެކިއުރިޓީން އެ ބޭފުޅުންނަށް އެ ކުންފުނީގެ ރިސެޕްޝަނާ ހަމައަށް ވަޑައިގަތުމަށް ހުރަސްއެޅީ އެޕޮއިންޓްމަންޓެއް ނެތި ބައްދަލުނުކުރެއްވޭނެ ކަމަށް އަންގާފައިވާތީ ކަމަށް ބުނެ އެވެ. އެޗްޑީސީގެ ކައުންޓަރާ ހަމައަށް ދިޔުމަށް ދެކޮޅު ހެދުމަށްފަހު، އެ ކުންފުނީގެ މުވައްޒަފަކު ފަހުން ވަނީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އޮފީހުގައި ނޫޅުއްވާކަމަށް ކައުންސިލަރުންނަށް އަންގާފަ އެވެ.
މޭޔަރާއި ކައުންސިލަރުން ޒުހައިރާ ބައްދަލުކުރެއްވުމަށް ވަޑައިގަތީ އޭނައާ ބައްދަލުކުރަން އެދި ކައުންސިލުން ސިޓީއެއް ފޮނުވިތާ އެތަކެއް ދުވަސްވީއިރު ވެސް ބައްދަލުކުރައްވާފައިނުވާތީ އެވެ.
މިކަމާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، ކައުންސިލުން އެޗްޑީސީއަށް ދިޔައީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ނުދާތީ އާއި، އެ ހިދުމަތްތައް ދިނުމުގައި އެޗްޑީސީން އިހުމާލުވަމުންދާތީ އެކަމާ މަޝްވަރާކުރުމަށް ކަމަށެވެ.
މައުލޫމާތު ސާފުކުރަން ދިޔުމުން އެކަށީގެންވާ ޖަވާބެއް ނުދީ ކަންކަން ތަކުރާރުކުރާނަމަ، އެޗްޑީސީގެ އޮފީހުގެ އިތުރުން ހައުސިންގ މިނިސްޓްރީގައިވެސް ކައުންސިލަރުން މަޑުކުރަންޖެހޭނެ ދުވަހެއް އަތުވެދާނެ ކަމުގެ އިންޒާރު މޭޔަރު ދެއްވި އެވެ.
އާޒިމް ފާހަގަކުރެއްވި ގޮތުގައި، މާލެ ސިޓީ ކައުންސިލަށްވުރެ މަތީގައި އެޗްޑީސީއަކަށް ނުތިބެވޭނެ އެވެ. އަދި އެ ކުންފުނީގެ ޒިންމާއަކީ މާލެ ސިޓީ ކައުންސިލުން އަންގާ ގޮތެއްގެ މަތިން ހުޅުމާލޭގެ ރައްޔިތުންނަށް މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ސަރުކާރުގެ ވައުދަކަށް ވީނަމަވެސް، މިކަން އަމަލީ ގޮތުން ތަންފީޒެއް ނުކުރެ އެވެ.
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ
ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަންކުރަން ރުހުން ދީފި
އާޖެންޓީނާގެ ފެނިލުން ގަދަ ނޫ ކުލައިގައި، ހަމަ ނަސީބުތަ؟
