މީހެއްގެ އިނގިލި ބުރިކޮށްލިކަން ސާބިތުވެ އެ މައްސަލައިގައި ހިމެނޭ ތިން މީހެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ބެއްލެވި މި މައްސަލައަކީ 2024 ޖޫން 23 ވަނަ ދުވަހު މއ. ބަގުފަޑިއްގެ ގޭގެ އެޕާޓްމަންޓެއްގެ ތެރޭގައި ނ. ހޮޅުދޫ، އަބްދުﷲ ރަޖީހަށް އަނިޔާކޮށް، އޭނާގެ ވައަތު ކުޑަވައި އިނގިލި ބުރިކޮށްލި މައްސަލައިގައި ދައުލަތުން ފަސް މީހެއްގެ މައްޗަށް އުފުލި ދައުވާތަކެކެވެ.
މި އަނިޔާވެރި އަމަލުގައި އަމަލީ ގޮތުން އިނގިލި ބުރިކޮށްލިކަން ސާބިތުވީ ގދ. ގައްދޫ، އަހްމަދު ސާއިފް ވަހީދުގެ މައްޗަށެވެ. އެ ކުށަށް އޭނާއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ 12 އަހަރާއި 11 މަހާއި 24 ދުވަހެވެ.
މި މާރާމާރީ ރޭވުމާއި ހިންގުމުގައި ބައިވެރިވި ތ. ތިމަރަފުށީ، މުހައްމަދު ނައުޝާން ހުސައިން އާއި ރ. ކަނދޮޅުދޫ، އަލީ ސާމީގެ މައްޗަށް ސާބިތުވީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށެވެ. އިނގިލި ބުރިކޮށްލަން އަމުރުކުރީ ސާމީ ކަމަށް ވާއިރު، ރަޖީހުގެ އިނގިލިތަކުގައި ހިފަހައްޓައިގެން ހުރީ ނައުޝާން އެވެ. މި ދެ މީހުންނަށް އިއްވި 10 އަހަރުގެ ހުކުމުން ބަންދު ދުވަސްތައް ކަނޑައި، ތަންފީޒުކުރަން ޖެހެނީ ހަތް އަހަރާއި 11 މަހާއި 24 ދުވަހެވެ.
މި މައްސަލައިގައި ދެން ދައުވާލިބުނު ކ. މާފުށީ، މުހައްމަދު ނަފާހުގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. އޭނާ އިނގިލި ބުރިކުރަން ބޭނުންކުރި ވަޅި ހޫނުކޮށްގެން ގެނެސްދިން ނަމަވެސް، އެއީ ކުށް ކުރުމުގެ ނިޔަތުގައި ކުރި ކަމެއްކަން ދައުލަތަށް ކޯޓުގައި ސާބިތުކޮށްދެވިފައެއް ނުވެ އެވެ. މީގެ އިތުރުން ހާދިސާ ހިނގި ފަހުން އެ ތަނަށް އައިސް، އަނިޔާލިބުނު މީހާއަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާތީ ލ. ގަން، އަހްމަދު ޒަޔާންގެ މައްޗަށް ވަނީ ތިން މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
މެންބަރު ޖަނާބު އުޅެނީ ފިތުނަ އުފައްދަން: ޖަމީލް
އެތެރޭގެ އުދުހުންތައް އަގު ހެޔޮކުރުން ވާނީ ގޮންޖެހުމަކަށް: އަމީން
ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން 25،000ރ. ހޯދިދާނެ