ފެނަކަ ކުންފުނި އުފައްދައި، ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ދިނުމާ އެކު މަސްވެރިކަމުގެ ސިނާއަތަށް އޭގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް ކުރި ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ވިދާޅުވީ، ދުރަށް ނުވިސްނައި އަދި ހަރުދަނާ ޕްލޭނެއް ނެތި ފެނަކައަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ޒުވާނުންނަށް ވަޒީފާ ދިނުން މިދިޔަ ސަރުކާރުން އޮތީ ސިޔާސީ ޓްރެންޑަކަށް ހަދާފައި ކަމަށެވެ. މީގެ ސަބަބުން ކުދި އަދި މެދު ސައިޒުގެ ރަށްރަށުގެ އިގްތިސާދީ ދިރުން ގެއްލި، ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މުންދު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ކެޔޮޅުންނާއި ވަރުގަދަ ފަޅުވެރިން މަސްވެރިކަން ދޫކޮށް ފެނަކައިގެ ވަޒީފާތަކަށް ބަދަލުވުމުގެ ސަބަބުން، ދޯނިފަހަރަށް މީހުން ނުލިބި ބައެއް ރަށްރަށުގައި މަސްވެރިކަން މުޅިން ހުއްޓިފައި ވެސް އެބަހުއްޓެވެ. އަދި ބައެއް މަސްދޯނިތައް ސަޕްލައި ބޯޓުފަހަރަށް ބަދަލުކޮށް ރިސޯޓުތަކަށް ކުއްޔަށް ދޭންޖެހުނުކަން މުންދު ހާމަކުރެއްވި އެވެ.
ތަރުޖަމާމު އެފަދައިން ވިދާޅުވިއިރު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް މިފަހުން ވަނީ ސިޔާސީ މަންފާއަށްޓަކައި ކުންފުނިތަކުން ވަޒީފާ ބެހުމުގެ ސަބަބުން މަސްވެރިން ހޯދަން ދަތިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އުފެއްދީއްސުރެ މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ފެނަކައަކީ ދަމަހައްޓަން އުނދަގޫ ކުންފުންޏެއްގެ ގޮތުގައި ސިފަކުރައްވަމުން، މުންދު ވިދާޅުވީ ސަރުކާރުން މިހާރު އަންނަނީ އެ ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ ބޮޑު މަސައްކަތެއް ކުރަމުން ކަމަށެވެ. އެގޮތުން ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ޖުމުލަ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މަދުކުރަން ނިންމައި، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ވެސް އެ ކުންފުނިން ދިނެވެ.
ނަމަވެސް މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭނެ ސީދާ އަދަދު އެނގޭނީ އުނިކުރެވެނީ ކޮން ފެންވަރެއްގެ މުސާރަތަކެއް ލިބޭ ވަޒީފާތަކެއްކަން މުޅިން ކަށަވަރުވުމުން ކަމަށް މުންދު ވިދާޅުވި އެވެ.
ޑެމްބެލޭގެ ހެޓްރިކާއެކު ފްރާންސް އެއްވަނަ އަށް
ޓްރަމްޕްގެ ފޮޓޯޖެހި އެެމެރިކާގެ އާ ޕާސްޕޯޓް ދައްކާލައިފި
ބިޔަ މަނީ ޕްލާންޓް ބަގީޗާ ރީތިކޮށްދޭ!