ނޫމަޑި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކޯޓުން ސަލާމާތްވެވަޑައިގަތީ ފަނޑިޔާރަކަށް 800،000 ރުފިޔާގެ ރިޝްވަތު ދީގެން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ކުރެއްވި ތުހުމަތުތައް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ދޮގުކުރައްވައިފި އެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ހުސައިން ވަހީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުންދު ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށާއި، ރައީސް މުއިއްޒަކީ އެފަދަ ކަންކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ހުސައިން ވަހީދު މި މައްސަލައިގައި ކީރިތި ގުރުއާނުގައި އަތްލައްވައި ހުވާކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ނަމަވެސް، މުންދު ވަނީ އެ ހުވާ ކުރައްވައިފިނަމަ ދައުލަތުގެ ކަމާބެހޭ މުއްސަސާތަކުން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ހަމައެއާއެކު ނޫމަޑި މައްސަލަ ހިނގިއިރު ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވުމުން، އެކަމުގައި ރައީސް މުއިއްޒުގެ އެއްވެސް ކުށެއް ނެތްކަން ފަރުދީ ގޮތުންނާއި ރަސްމީ ހެކިތަކުން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އޭނާ ކަމަށް ވެސް މުންދު ފާހަގަކުރެއްވި އެވެ.

"ރައީސް މުއިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫނޭ، ނުވެސް ކުރާނޭ، އެކަމު ހުސައިން ވަހީދުގެ ގޮތެއް ނޭނގެ،" މުންދު ވިދާޅުވި އެވެ.

ނަމަވެސް ހުސައިން ވަހީދު ތުހުމަތުކުރައްވާ ގޮތުގައި، ނޫމަޑި މައްސަލައިން ރައީސް މުއިއްޒު ސަލާމަތްވެވަޑައިގަތް ގޮތާ ބެހޭގޮތުން އެމަނިކުފާނުގެ ވަކީލަކާ އޭނާ ސުވާލުކުރެއްވި ކަމަށާއި އެ ވަކީލް ވަނީ 800،000 ރުފިޔާގެ ރިޝްވަތު ދެއްވިކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ނޫމަޑި މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށާއި، ރައްޔިތުންގެ މަޖިލީހަށް އަދި ކޯޓަށް ދެއްވި ބަޔާންތަކަށް ބަލާއިރު، ރައީސް މުއިއްޒަކީ "ކައްޒާބެއް" ކަމަށް ސިފަކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.