ނޫމަޑި މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު ކޯޓުން ސަލާމަތްވެވަޑައިގަތީ ފަނޑިޔާރަކަށް އަށް ލައްކަ ރުފިޔާގެ ރިޝްވަތު ދީގެން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ތުހުމަތު ކުރައްވައިފި އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހުސައިން ވަހީދު ވިދާޅުވީ، މިއީ ފުރިހަމަ ތެދު ވާހަކަތަކެއް ކަމަށާއި، މިކަމާ ގުޅޭގޮތުން ކީރިތި ގުރުއާނުގައި އަތްލައްވައި ހުވާކުރައްވަން ވެސް އޭނާ ކެރިވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނާ ދައްކަވާ ކޮންމެ ވާހަކައަކަށް އަމިއްލައަށް ޒިންމާވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނޫމަޑި މައްސަލައިން ރައީސް މުއިއްޒު ސަލާމަތްވެވަޑައިގަތް ގޮތާ ބެހޭގޮތުން އެމަނިކުފާނުގެ ވަކީލަކާ އޭނާ ސުވާލުކުރެއްވި ކަމަށާއި އެ ވަކީލް ވަނީ އަށްލައްކަ ރުފިޔާގެ ރިޝްވަތު ދިންކަމަށް ވިދާޅުވެފައި ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ނޫމަޑި މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށާއި، ރައްޔިތުންގެ މަޖިލީހަށް އަދި ކޯޓަށް ދެއްވި ބަޔާންތަކަށް ބަލާއިރު، ރައީސް މުއިއްޒަކީ "ކައްޒާބެއް" ކަމަށް ސިފަކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސައިން ވަހީދު ވަނީ ކުރީގެ ރައީސް ޔާމީންގެ މައްސަލައަކާ ގުޅުވައިގެން ވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން ހައިކޯޓުގައި ޔާމީންގެ މައްސަލައެއް ހިނގަމުންދިޔައިރު، ފަނޑިޔާރަކު ބައްދަލުކުރަން ބޭނުންވެގެން "ޝުއާއު" ކިޔާ މީހަކު މެދުވެރިވެގެން ބައްދަލުކުރި ކަމަށާއި، ފަސް ލައްކަ ރުފިޔާ ދޭނަމަ އެ މައްސަލަ ޔާމީންގެ ކޮޅަށް ނިންމައިދޭނެ ކަމަށް ހުށަހެޅިކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ރައީސް ޔާމީން އެކަމަށް އިންކާރު ކުރެއްވި ކަމަށާއި، އެއީ ރައީސް މުއިއްޒާއި ޔާމީނާ ދެމެދު ހުރި ތަފާތު ކަމަށް ހުސައިން ފާހަގަކުރެއްވި އެވެ.
މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ގާނޫނީ ވަކީލު އެފަދަ ވާހަކައެއް ވިދާޅުވެފައި ނުވާނަމަ ހުސައިން އެފަދަ ބޮޑު ތުހުމަތެއް ނުކުރައްވާނެ ކަމަށެވެ.
ނޫމަޑި މައްސަލައިގައި ދައުލަތުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ބަދަލުގެ ގޮތުގައި ދޭން ޖެހުނީ ރައީސް މުއިއްޒުގެ ސަބަބުން ކަމަށް ރައީސް ޔާމީން މީގެ ކުރިން ވެސް ވަނީ ތުހުމަތު ކުރައްވާފަ އެވެ. މިހާތަނަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން މި ތުހުމަތުތަކަށް އެއްވެސް ރައްދެއް ދެއްވާފައެއް ނުވެއެވެ.
ވިނީޝިއަސްގެ ދެ ގޯލާއެކު ބްރެޒިލް ދެވަނަ ބުރަށް
ޒެންޑޭޔާގެ އަސްލު ނަމަކީ ކޮބާ؟