ލުބުނާނުގައި އިތުރުވަމުންދިޔަ ހަމަލާތަކުގެ ސަބަބުން، އީރާން ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުން ދާއިމީ ސުލްހައަކަށް ބަދަލުވުމަށް ހުރަސްތަކެއް ކުރިމަތިވެފައި ވަނިކޮށް، އިޒްރޭލާއި ހިޒްބުالله އިން ހުކުރު ދުވަހު ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް، ނިއުކްލިއާ އެއްބަސްވުމަކާ ގުޅޭގޮތުން އީރާނާއެކު ބާއްވާ ފުރަތަމަ ބުރުގެ މަޝްވަރާތަކަށް ސުވިޒަލޭންޑަށް ދަތުރުކުރައްވަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ 'އެކްސިއޯސް' އިން މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ނިންމުން ނިންމާފައިވަނީ، ލުބުނާނުގެ ހަމަލާތައް ވަރުގަދަވުމާ ގުޅިގެން މެދުކަނޑާލި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖޭޑީ ވެންސް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު ކެންސަލްކުރެއްވިތާ އެއްދުވަސް ފަހުންނެވެ. ލުބުނާނުގެ މަސްރަހު ގޯސްވުމާ ގުޅިގެން، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ކުރެވޭ މުހިންމު މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އެންބީސީ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަށް އިޒްރޭލުގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ ލުބުނާނު ގަޑިން ހަވީރު 4:00 ގައެވެ. އަދި މި އެއްބަސްވުމަކީ އެމެރިކާއާއި ގަތަރުގެ މެދުވެރިވެގެން، އީރާނުގެ އެހީތެރިކަމާއެކު އެކުލަވައިލި އެއްބަސްވުމެއް ކަމަށްވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
އީރާނަށް ތާއީދުކުރާ ހިޒްބުاللهގެ ދެ އޮފިޝަލަކާއި އިޒްރޭލުގެ އިސް އޮފިޝަލަކު ވަނީ ހަމަލާބަދަލުކުރުން ހުއްޓާލިކަން ކަށަވަރުކޮށްދީފަ އެވެ. އިޒްރޭލުގެ އޮފިޝަލް ބުނީ، ހިޒްބުالله އިން ހަމަލާ ނުދޭނަމަ އެއީ ހަނގުރާމައިގެ ވަގުތެއް ނޫން ކަމަށާއި، ނަމަވެސް އިޒްރޭލުގެ އުތުރު ބޯޑަރު ސަރަހައްދުގައި ހިފާފައިވާ ލުބުނާނުގެ ދެކުނު ސަރަހައްދުތަކުގައި އިޒްރޭލު ސިފައިން ދެމިތިބޭނެ ކަމަށެވެ.
ލުބުނާނުގެ ސަލާމަތީ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ހަމަލާ ހުއްޓާލި ފުރަތަމަ ގަޑިއިރު ތެރޭގައި އިޒްރޭލުން 12 ވައިގެ ހަމަލާއެއް ދީފައިވީ ނަމަވެސް، ހަވީރު 5:00 ގެ ފަހުން އެއްވެސް ހަމަލާއެއް ރިކޯޑު ކުރެވިފައެއް ނުވެއެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހުގެ މެންދަމުން ފެށިގެން ހުކުރު ދުވަހާ ހަމައަށް އިޒްރޭލުން ދިން ހަމަލާތަކުގައި 47 މީހުން މަރުވެ 97 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި އިޒްރޭލު އަސްކަރިއްޔާއިން ވަނީ ލުބުނާނުގައި ހިނގި ހާދިސާއެއްގައި އެ ގައުމުގެ ހަތަރު ސިފައިން މަރުވެފައިވާކަން ހާމަކޮށްފަ އެވެ.
ނުނިމި ހުރި އުނދަގޫ މައްސަލަތައް
މި ހަފުތާގައި އެމެރިކާއާއި އީރާނުގެ ރައީސުން ސޮއިކުރެއްވި ފަހުމުނާމާގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެހެނިހެން އުނދަގޫ މައްސަލަތައް މަޝްވަރާކުރުން ފަހުގެ ތާރީހަކަށް ވަނީ ފަސްކޮށްފަ އެވެ. ދެ ފަރާތަށްވެސް ދާއިމީ އެއްބަސްވުމަކަށް އައުމަށް ނުވަތަ ވަގުތީ އެއްބަސްވުން އިތުރުކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
ސްވިޒަލޭންޑުގެ ބާގަންސްޓޮކް ރިސޯޓުގައި ފަންނީ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް، އީރާނުން ވަނީ ލުބުނާނަށް އިޒްރޭލުން ހަމަލާތައް ދެމުން ދިއުމަކީ އެއްބަސްވުމާއި ހިލާފުވުން ކަމަށް ބުނެ މަޝްވަރާއަށް ސްވިޒަލޭންޑަށް ފުރުން ލަސްކުރިކަން އިއުލާންކޮށްފަ އެވެ. އެއާއެކު ވައިޓް ހައުސްއިން ވަނީ ނައިބު ރައީސް ވެންސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ބުރާސްފަތި ދުވަހު ބުނެފަ އެވެ. ސްވިސް ފޮރިން މިނިސްޓްރީން ބުނީ މަޝްވަރާތައް ފަސްކުރެވިފައިވާ ކަމަށާއި، ނަމަވެސް އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.
މި ވަގުތީ އެއްބަސްވުމުގެ ދަށުން އެމެރިކާއާއި އީރާނުގެ އިތުރުން އެ ގައުމުތަކާ ގުޅިފައިވާ ފަރާތްތަކުން ހުރިހާ މައިދާނެއްގައި، ހާއްސަކޮށް ލުބުނާނުގައި، އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލަން ޖެހެއެވެ. ނަމަވެސް، މި މަޝްވަރާތަކުގައި ބައިވެރިނުވާ އިޒްރޭލުން ބުނަނީ އެއީ އެ ގައުމުން ބައިވެރިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.
އިސްރާއީލު-ލުބުނާނު އާ މަޝްވަރާތަކެއްގެ ވާހަކަ
ލުބުނާނުގެ ރައީސް ޖޯސެފް އައުން އިޒްރޭލުގެ ހަމަލާތައް ކުށްވެރިކުރެއްވި ނަމަވެސް، އެކަމުގެ ސަބަބުން ދާއިމީ ހަމަލާބަދަލުކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ކަމަށް ވިދާޅުވި އެވެ. އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ރައީސް އައުންއާ ވާހަކަދައްކަވަމުން، ހިޒްބުاللهގެ ހަތިޔާރު އަތުލުމުގެ މުހިންމުކަމާއި، ލުބުނާނުގެ މިނިވަންކަމަށް އެމެރިކާއިން ތާއީދުކުރާކަން ހާމަކުރެއްވި އެވެ. އަދި އަންނަ ޖޫން މަހުގެ 23 އިން 25 އަށް ވޮޝިންޓަންގައި އިޒްރޭލާއި ލުބުނާނުގެ މަޝްވަރާތައް ބޭއްވުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ވަގުތީ އެއްބަސްވުމުގެ ދިފާއުގައި ޓްރަމްޕް
ފެބުރުވަރީ 28 ގައި ފެށުނު އީރާން ހަނގުރާމައިގައި މިހާތަނަށް 7,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި އިންފްލޭޝަން ވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ. ނަމަވެސް ލުބުނާނުގެ ހަމަލާތައް ހުއްޓާލުމާއެކު ތެލުގެ އަގު ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅެން ފަށާފަ އެވެ.
އީރާނާއި އެމެރިކާގެ ދެމެދުގައި ވެފައިވާ ފަހުމުނާމާގެ ދަށުން އީރާނަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ފްރީޒްކޮށްފައިވާ ބިލިއަން ޑޮލަރުގެ މުދާ ދޫކުރުމާއި، ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.
ޓްރަމްޕް ވަނީ މި އެއްބަސްވުމަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވާފަ އެވެ. "ހަނގުރާމައިގެ ސަބަބުން އީރާން ވަނީ ބަލިކަށިވެފައި. މަޝްވަރާއަށް ބޭނުންވެގެން އައީ އަހަރެމެންނެއް ނޫން، އީރާން. އެމީހުން އެތިބީ ނިމިފައި!" ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ.
ޓްރެފިކް ބެލެހެއްޓުމުގެ ނަމުގައި މާލޭގެ މަގުތައް ބަންދުކުރަނީ
އެސްއޯއީތަކަށް ރިސޯޓު ތަރައްގީކުރެވޭނީ %45 ހިއްސާ އޮވެގެން