ހާޓް އެޓޭކްތަކުން ރައްކާތެރި ވުމަށްޓަކައި ހަމައެކަނި ލޭގައި ހުންނަ ކޮލެސްޓްރޯލް މިންވަރަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، މުޅި ދިރިއުޅުމުގެ ވައްޓަފާޅިއާއި، ކެއިންބުއިމުގެ އާދަތައް ބަދަލު ގެނައުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ. ޖެކް ވޮލްފްސަން ފާހަގަ ކޮށްފި އެވެ.
ޑރ. ޖެކް ވޮލްފްސަން ވިދާޅުވާ ގޮތުގައި، ހިތުގެ ދުޅަހެޔޮކަން ބިނާވެފައިވަނީ ހަމައެކަނި ކޮލެސްޓްރޯލް ދަށް ކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި މައިގަނޑު ތިން ކަމަކަށް ސަމާލުކަން ދޭންޖެހެ އެވެ.
އެގޮތުން ފުރަތަމަ ކަމަކަށް، ރަނގަޅު ކާނާ ބޭނުން ކުރުން ހިމެނެއެވެ. ޕްރޮސެސްކޮށްފައިވާ ކާނާއާއި، ހަކުރާއި، ކެމިކަލް އެކުލެވޭ ތަކެތިން ދުރުވެ، ގުދުރަތީ ކާނާއާއި، ތާޒާ ތަރުކާރީއާއި، މޭވާ އަދި ހަށިގަނޑަށް ފައިދާހުރި ސަރުބީ އެކުލެވޭ ކާނާ ކެއުމުގައި ހިމެނުން މުހިއްމެވެ.
ދެވަނަ ކަމަކީ ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކުރާ ގޮތެވެ. ގަވާއިދުން ކަސްރަތު ކުރުމާއި، އިރުގެ އަލި ލިބޭނެހެން ބޭރަށް ނުކުތުމާއި، ހަށިގަނޑަށް އެކަށީގެންވާ ވަރަށް އަރާމާއި ނިދި ލިބުމަކީ ހިތުގެ ނިޒާމު ވަރުގަދަ ކޮށްދޭ ކަންކަމެވެ.
ތިންވަނަ ކަމަކަށް ޑރ. ޖެކް ވޮލްފްސަން ފާހަގަ ކޮށްފައިވަނީ ވިސްނުމާއި ނަފްސާނީ ދުޅަހެޔޮ ކަމެވެ. ދިރިއުޅުމުގައި ކުރިމަތިވާ ސްޓްރެސް ކުޑަކުރުމަށާއި، ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް މަސައްކަތް ކުރުމަކީ ހިތުގެ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެދޭ މައިގަނޑު ސަބަބެކެވެ. ނަފްސާނީ ގޮތުން ހަމަޖެހިފައި ހުރުމަކީ ހަށިގަނޑުގައި އިންފްލެމޭޝަން ކުޑަކޮށްދޭ ކަމެކެވެ.
ހިތުގެ ބަލިތަކަކީ ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބު ކަމަށްވާއިރު، ބޭސްތަކަށް އެކަނި ބަރޯސާ ވުމުގެ ބަދަލުގައި އަމިއްލަ ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުމަށް ޑޮކްޓަރުން ބާރުއަޅަ އެވެ.
ދެ ޕެޓިޝަނަށް ބަހުސްކުރަން ދެ ގަޑިއިރު ދޭން ނިންމައިފި
ރޭޑިއޭޝަންގެ ސަބަބުން ޖެހޭ ކެންސަރުގެ ނުރައްކާ އޮތީ ކޮން ބަޔަކަށް
ބިންތައް އަތުލާނަމަ ތި ފައްކާކުރައްވަނީ ބަގާވާތެއް: ނަޝީދު