ފޮތް ކިޔަން ލޯބިކުރާ މީހުންނަށް ދުވަސްވެ ރީނދޫވެފައި ހުންނަ ފޮތްތައް ހުޅުވާލާއިރު ދުވާ ވަހަކީ ވަރަށް ހާއްސަ، ހިތްގައިމު ވަހެކެވެ.

ގިނަ ބަޔަކު މި ވަހަށް ލޯބިކުރި ނަމަވެސް، ފޮތްތައް ދުވަސް ވުމުން ކުއްލިއަކަށް މިފަދަ މީރު ވަހެއް ދުވަން ފަށަނީ ކީއްވެކަން ވިސްނިފައިވަނީ މަދު މީހަކަށެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިއީ އާދައިގެ ވަހެއް ނޫނެވެ. އެއީ ގިނަ ދުވަސްވެގެން ކަރުދާހާއި އެކުލެވިގެންދާ "ކެމިކަލް ކޮކްޓެއިލް" އެކެވެ.

ފޮތްތަކުގެ ކަރުދާސް ހަދާފައި ހުންނަނީ ގަސްގަހާގެހިން ނަގާ ސެލިއުލޯޒް އަދި ލިގްނިން ކިޔާ މާއްދާތަކަކުންނެވެ. ގަސްތަކުގައި މި މާއްދާ ހުންނަނީ ގަހުގެ ގުނަވަންތައް ވަރުގަދަކޮށް ބަހައްޓަން އެހީތެރިވެ ދިނުމަށެވެ.

ނަމަވެސް އަހަރުތަކެއް ފާއިތުވެ، އޮކްސިޖަނާއި އަލި އަދި ފެނުގެ އަސަރު ކަރުދާހަށް ކުރުމުން މި މާއްދާތައް ބައިބަޔަށް ކުނޑިވާން ފަށަ އެވެ. މިގޮތަށް ކަރުދާސް ހަލާކު ވަމުންދާއިރު ވައިގެ ތެރެއަށް ބޭރުވާ ކެމިކަލް މާއްދާތަކުގެ ސަބަބުން ފޮތުން ތަފާތު ވަސްތައް ދުވަން ފަށަ އެވެ.

މިގޮތުން ފޮތްތަކުން ދުވާ ވަހުގެ ތެރޭގައި، ގުދުރަތީ ވެނިލާ އިން ދުވާ މީރު ވަސް އަންނަ މާއްދާ ކަމަށްވާ ވެނިލިން ހިމެނެ އެވެ. މިއީ ލިގްނިން ހަލާކުވުމުން އުފެދޭ މާއްދާ އެކެވެ.

މީގެ އިތުރުން، ބަދަނާ ވައްތަރުގެ މީރު ވަހެއް ގެނެސްދޭ މާއްދާ ކަމަށްވާ ބެންޒަލްޑިހައިޑް ވެސް ހިމެނެ އެވެ. ހަމަ އެއާއެކު ފޮތްތަކުން ޗޮކްލެޓާއި، ކޮފީ އަދި މާމުއި ކަހަލަ މީރު ވަސްތައްވެސް ދުވާކަމަށް ތާރީހީ ފޮތްތައް ދިރާސާކުރާ މީހުން ބުނެ އެވެ.

ސައިންސްވެރިން މިކަމަށް ހާއްސަ ނަމެއްވެސް ދީފައިވެ އެވެ. އެއީ "މެޓީރިއަލް ޑެގްރެޑޮމިކްސް" އެވެ. މިއީ ފޮތުން ބޭރުވާ ވަހަށް ބަލައިގެން، ފޮތުގެ އުމުރާއި ހާލަތު ދެނެގަތުމަށް ބޭނުންކުރާ ސައިންސެކެވެ.

ނަމަވެސް ފާހަގަ ކޮށްލަންޖެހޭ ކަމަކީ ޒަމާނީ ފޮތް ޕަބްލިޝަރުން މިހާރު ފޮތް ހަދާއިރު ކަރުދާސް ހުދުކޮށް ބެހެއްޓުމަށްޓަކައި ކެމިކަލް މެދުވެރިކޮށް ލިގްނިން ވަރަށް ބޮޑަށް އުނި ކުރަމުން ދިއުމެވެ. މިއަދު ޗާޕުކުރާ ފޮތްތައް މުސްތަގުބަލުގައި ބާވެ ދުވަސްވާއިރު މިފަދަ މީރު ވެނިލާ ވަހެއް ނުދުވާނެ އެވެ.

އެހެން ކަމުން ކުރީގެ ޒަމާންވީ ފޮތެއް އަތު ޖެހިއްޖެނަމަ، އެއީ ހަމައެކަނި ވާހަކައެއް ކިޔާލުމެއް ނޫނެވެ. އެއީ ކެމިކަލް މީރުވަހެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އިހުސާސް ކޮށްލަން ލިބޭ ފުރުސަތެކެވެ.