ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށްޓަކައި ހާއްސަ އިނާޔަތްތަކަކާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
އެޗްޑީސީގެ ބޯޑުން މިހާރު ވަނީ ކުންފުނީގެ އާ އޮނިގަނޑެއް ފާސްކޮށް، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ރިޑަންޑަންސީ ޕެކޭޖު ތަކެއް ތައާރަފުކޮށްފަ އެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހު ދީފައިވާ އިރުޝާދާ އެއްގޮތަށް އެޅި ފިޔަވަޅެކެވެ.
ކުންފުނީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބަޔާންކޮށްފައިވާ ގޮތުން، އާ އޮނިގަނޑަށް ބަދަލުވާއިރު މުވައްޒަފުންނަށް ވަކިވުމުގެ ދެ ފުރުސަތެއް ވަނީ ހުޅުވާލާފަ އެވެ. އެއީ:
- އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުން: މިގޮތަށް ވަކިވާން އެދޭ މުވައްޒަފުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް ފުރިހަމަ ސެވަރެންސް ޕެކޭޖެއް ނުވަތަ މާލީ އިނާޔަތެއް ލިބޭނެއެވެ.
- އަމިއްލައަށް އެދިގެން ރިޓަޔާވުން: ޝަރުތު ހަމަވާ މުވައްޒަފުންނަށް، އެ މުވައްޒަފަކު ކުންފުންޏަށް ހިދުމަތްކުރި މުއްދަތަށާއި މަގާމަށް ބަލައި، އެއްފަހަރާ ލިބޭ މާލީ އިނާޔަތަކާއެކު ރިޓަޔާ ކުރެވޭނެއެވެ.
އެޗްޑީސީން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ، ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް 2024 ވަނަ އަހަރު އެޗްޑީސީއަށް 109 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން ފާހަގަކުރެވެއެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިހާބުތަކާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން އިތުރުކޮށްފައިވާތީ، އިގްތިސާދީ މާހިރުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އޭރު ސަރުކާރަށް އަމާޒުވި އެވެ.
މި ޕެކޭޖުތަކާ ގުޅޭ އިތުރު ތަފްސީލާއި، އެދި ހުށަހަޅަންޖެހޭ ސުންގަޑިތައް އެޗްޑީސީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ޕީއެންސީ މެންބަރުންގެ ފޯނުތަކަށް ޖަވާބުދެއްވުމަށް އަންގައިފި
ސްކޭމްގެ މައްސަލަތަކުގައި މިހާތަނަށް 33 މިލިއަން ގެއްލުނު
މަކުނުދޫގެ އާރްޓީއެލް ދަތުރުތައް ކެންސަލްވާތާ ހަފްތާއެއް