ރައީނސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ގައުމުގައި އިންގިލާބެއް އުފެދެމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ އެމްޑީޕީގެ މެންބަރުންނަށް ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ، "ވަޒީފާ ބުރާސްފަތި" ނަމުގައި އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް އުފެދިފައިވާ ޕާޓީއެއް ކަމަށެވެ.
ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހި ރައްޔިތުންނަށް ވަޒީފާގެ ރައްކާތެރިކަމާއި އަސާސީ ހައްގުތައް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވަނީ އެތައް އަހަރެއްގެ ބުރަ މަސައްކަތުންނެވެ. ނަމަވެސް، މިހާރު ފެންނަމުންދަނީ އެ ހައްގުތަކަށް އުނިކަން އަންނަ މަންޒަރު ކަމަށް ވިދާޅުވެ، މި ސަރުކާރު ބަދަލުކުރާނެ ކަމުގެ އިންޒާރު އެ މަނިކުފާނު ވަނީ އަނެއްކާވެސް ތަކުރާރުކުރައްވާފަ އެވެ.
"އަޅުގަނޑުމެން މިތިބީ ރައްޔިތުންނާ އެކީގައި. ވަޒީފާއިން ވަކިކުރާ މީހުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް މި ޕާޓީން ކުރާނެ،" ރަސްފަންނުން ފަށައިގެން އާޓިފިޝަލް ބީޗާ ހަމައަށް ކުރިއަށްދިޔަ ހިނގާލުމުގައި ނަޝީދު ވިދާޅުވި އެވެ.
މި މުޒާހަރާގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ސަރުކާރުން ބިރުދެއްކުމުގެ ސިޔާސަތެއް ގެންގުޅުނު ނަމަވެސް އެމްޑީޕީގެ މެންބަރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ވަޒީފާއިން ވަކިކޮށްގެން ރައްޔިތުން ބިކަކުރުމަކީ ސަރުކާރަށް ތާއިދު ލިބޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވަޒީފާއިން ވަކިކުރާ ހުރިހާ މުވައްޒަފުންނަށް، ކުރިއަށް އޮތް އެމްޑީޕީގެ ސަރުކާރެއްގައި އަލުން ވަޒީފާ އިއާދަކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.
މި މުޒާހަރާގައި އެމްޑީޕީގެ އިސްލީޑަރުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ.
އެސްއޯއީތަކަށް ރިސޯޓު ތަރައްގީކުރެވޭނީ %45 ހިއްސާ އޮވެގެން
ޕީއެންސީ މެންބަރުންގެ ފޯނުތަކަށް ޖަވާބުދެއްވުމަށް އަންގައިފި
ކޭންގެ ދެ ލަނޑާއެކު އިންގްލެންޑަށް ވަރުގަދަ ފެށުމެއް