އާފުރުމަކީ އާންމުގޮތެއްގައި ވަރުބަލިވުމުން، ފޫހިވުމުން ނުވަތަ ނުތަނަވަސްވުމުން އަމިއްލަ އިހްތިޔާރުން ބޭރުގައި ކުރެވޭ ކަމެކެވެ. ނަމަވެސް، "ރެސްޕިރޭޓަރީ ފިޒިއޮލޮޖީ އެންޑް ނިއުރޯބަޔޮލޮޖީ" މަޖައްލާގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، އާފުރުމުގެ ސަބަބުން ސިކުނޑި ރައްކާތެރިކޮށްދޭ ފުލުއިޑް ދައުރުވުމަށް ހީނުކުރާ ފަދަ އަސަރުތަކެއް ކުރެ އެވެ.

މި ހޯދުންތަކުން ސީދާ ކުރާ އަސަރުތަކާ ބެހޭގޮތުން ސައިންސްވެރިން އަދި މުޅިން އެއްބަސްވުމަކަށް ނާދެވުނު ކަމުގައި ވިޔަސް، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްގެ ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި މިއީ އިންސާނުންނާއި އެހެނިހެން ދިރޭތަކެތީގެ ހަށިގަނޑުގައި އާފުރުމުގެ ސިފަ އުފެދިފައިވާ ސަބަބު ދެނެގަތުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

މި ދިރާސާ ކުރިއަށް ގެންދިޔައީ ދުޅަހެޔޮ 22 މީހަކު ބޭނުންކޮށްގެންނެވެ. އެމީހުން އާފުރޭއިރު، ފުންކޮށް ނޭވާލާއިރު، އާފުރޭން އުޅެފައި ހުއްޓާލާއިރު އަދި އާދައިގެ ގޮތަކަށް ނޭވާލާއިރު، އެމްއާރުއައި ސްކޭން ބޭނުންކޮށްގެން ސިކުނޑީގެ ހަރަކާތްތައް ވަނީ ބަލާފަ އެވެ.

އެމްއާރުއައި ސްކޭންތަކުން ފެނުނު ކަންތައްތައް

އާފުރުމާއި ފުންކޮށް ނޭވާލުމަކީ އެއްގޮތް ކަންތައްތަކެއް ކަމަށް ސައިންސްވެރިން ކުރިން ބެލި ނަމަވެސް، ސްކޭންތަކުން ފެނުނީ ތަފާތު ނަތީޖާއެކެވެ. ސިކުނޑީގައި ހުންނަ "ސެރެބްރޯސްޕައިނަލް ފްލުއިޑް" އާފުރޭ ވަގުތު ސިކުނޑިއާ ދުރަށް ދައުރުވާކަން ފާހަގަކުރެވުނު ނަމަވެސް، ފުންކޮށް ނޭވާލާއިރު މި ފުލުއިޑް ދައުރުވަނީ މީގެ އިދިކޮޅަށެވެ.

މި އާދަޔާ ހިލާފު ކަންތައް ފިރިހެނުންގެ ފަރާތުން ފެންނަ މިންވަރު މަދުކަން ދިރާސާވެރިން ފާހަގަކުރެ އެވެ. ނަމަވެސް މިއީ ސްކޭން ކުރާ މެޝިނުގެ ސަބަބުން ދިމާވި ކަމަކަށް ވެދާނެ ކަމަށް އެފަރާތްތަކުން ބުނެ އެވެ. މި ދިރާސާއިން އިތުރަށް ހާމަވި ގޮތުގައި، އާފުރޭއިރު އަދި ފުންކޮށް ނޭވާލާއިރު ވެސް ސިކުނޑިން ބޭރުވާ ލޭގެ މިންވަރު އިތުރުވެ، ސިކުނޑިއަށް އާ ލޭ ފޯރުކޮށްދިނުމަށް މަގުފަހިވެ އެވެ.

އާފުރުމުގެ ހާއްސަ ސިފަތައް

ދިރާސާވެރިން ހާމަކުރި ގޮތުގައި، ކޮންމެ މީހަކުވެސް އާފުރޭއިރު ގެންގުޅެނީ އެމީހަކަށް ހާއްސަ ވަކި ގޮތެކެވެ.

މިކަމާ ގުޅޭގޮތުން "ނިއު ސައިންޓިސްޓް" އަށް މައުލޫމާތު ދެއްވަމުން ނިއުރޯސައިންޓިސްޓް އެޑަމް މާޓިނަކް ވިދާޅުވީ، ކޮންމެ މީހަކުވެސް އާފުރޭއިރު ދޫ ހަރަކާތްކުރާ ގޮތް ތަފާތު ކަމަށެވެ. މިއީ އިނގިލީގެ ނިޝާން ފަދައިން ކޮންމެ މީހަކަށްވެސް ވަކި ހާއްސަ ސިފައެކެވެ. އެހެންކަމުން މީހަކު އާފުރޭ ގޮތަށް ބަލައިގެން އެއީ ކާކުކަން ދެނެގަތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މި ހޯދުންތަކުގެ މާނައަކީ ކޮބާ؟

އާފުރުމާއި ފުންކޮށް ނޭވާލުމުން ސިކުނޑީގެ ފުލުއިޑަށް (ސީއެސްއެފް) ތަފާތު އަސަރުތަކެއް ކުރާ ސީދާ ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، ދިރާސާވެރިން ދެ ގޮތަކަށް ވިސްނުން ގެންގުޅެ އެވެ.

ސިކުނޑީގެ ސީއެސްއެފް ފުލުއިޑަކީ ސިކުނޑިއަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދީ، ބޭކާރު މާއްދާތައް ބޭރުކޮށްދޭ އެއްޗެކެވެ. އެހެންކަމުން އާފުރުމަކީ ސިކުނޑި ސާފުކޮށްދިނުމަށް އެހީތެރިވެދޭ ކަމަކަށް ވެދާނެ އެވެ. މީގެ އިތުރުން، އާފުރުމުގެ ސަބަބުން ސިކުނޑީގެ ހޫނުމިން ދަށްކޮށްދީ، ސިކުނޑި ފިނިކޮށްދިނުމަށް އެހީތެރިވެދޭ ކަމަށްވެސް ބެލެވެއެވެ.