ދިރިއުޅުމުގެ އާންމު އާދަކާދަތަކުގެ ތެރޭގައި ނޭނގި ނަމަވެސް ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ބަނޑާއި ގޮހޮރުގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ހާއްސަ މެޑިކަލް މާހިރުން ހާމަ ކުރައްވައިފި އެވެ.
ހާވާޑް އަދި ސްޓެންފޯޑް އިން ތައުލީމު ހާސިލުކޮށް އެމެރިކާގެ ކެލިފޯނިއާގައި މަސައްކަތް ކުރައްވާ މަޝްހޫރު ގޮހޮރުގެ ހާއްސަ ޑޮކްޓަރު ޑރ. ސޯރަބް ސެތީ ވަނީ ގޮހޮރުގެ ސިއްހަތު ހަލާކު ކޮށްލާ 8 އާދައެއް ފާހަ ގަކުރައްވައި، އެކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
1. ކާގަޑީގައި ފޯނާ ކުޅުން
ކާން އިންނައިރު ފޯނު ބެލުމަކީ ސިކުނޑިއަށް ބަނޑު ފުރުނު ކަމުގެ އިހުސާސް ދެނެގަންނަން އުނދަގޫވާ ކަމެކެވެ. ޑޮކްޓަރު ސެތީ ފާހަގަ ކުރެއްވި ގޮތުގައި ފޯނު ބަލަމުން ކާ މީހުންނަށް އާންމުކޮށް ކާންޖެހޭ މިންވަރަށްވުރެ 30 ޕަސެންޓް އިތުރަށް ކެވޭ ގޮތްވެ އެވެ.
2. ހެނދުނުގެ ނާސްތާ ނުނެގުން
ސޯޝަލް މީޑިއާގައި "އިންޓާމިޓެންޓް ފާސްޓިން" މަގުބޫލުވި ނަމަވެސް، ހަމައެކަނި ހެނދުނުގެ ނާސްތާ ދޫކޮށްލުމަކީ ފާސްޓިންއެއް ނޫނެވެ. ކުއްލިއަކަށް ނާސްތާ ނުނެގުމުން ކޯޓިސޯލް އިތުރުވެ، މެންދުރު ވާންވާއިރަށް ގޮހޮރުގެ ހަރަކާތްތައް މަޑުޖެ ހެއެވެ. މިއީ ފާސްޓިންއެއް ނޫނެވެ، މިއީ ހަށިގަނޑަށް ދެވޭ ސްޓްރެސް އެކެވެ.
3. ކެއުމަށްފަހު އަބަދުވެސް ފޮނި އެއްޗެއް ކެއުން
ކެއުމަށްފަހު ފޮނި އެއްޗެއް ކެއުމުގެ އާދައިގެ ސަބަބުން ގޮހޮރުގައި ހުންނަ ނުބައި ޖަރާސީމުތަކަށް ކާނާ ލިބި، އެ އެއްޗެހި އިތުރުވެ އެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އަންނަ ދުވަހުވެސް ހަށިގަނޑު ފޮނި އެއްޗެއްސަށް އެދޭ މިންވަރު އިތުރުވެގެންދެ އެވެ.
4. ކުދިކުދި ތަދުތަކަށް ބޭސް ބޭނުން ކުރުން
ކުޑަކޮށް ބޮލުގައި ރިހުމެއް އުފެދޭ އިރަށް އައިބިއުޕްރޯފެން ނުވަތަ ތަދު ކަނޑުވާ ބޭސްތައް ބޭނުން ކުރުމަކީ ގޮހޮރުގެ އެތެރޭގެ ދުލިފަށަލަ ހަލާކު ކޮށްލާ ކަމެކެވެ. މިއީ އެއްވެސް ވޭނަކާ ނުލައި ސިއްރުން ގޮހޮރަށް ބޮޑެތި ގެއްލުންތަކެއް ދޭ ކަމެކެވެ.
5. ހަމައެކަނި ރޭގަނޑު ގިނައިން ފެން ބުއިން
ދުވަހުގެ ތެރޭގައި ފެން ނުބޮއި ހުރެ، ރޭގަނޑު އެކަނި ގިނައިން ފެން ބުއިމަކީ ހަށިގަނޑަށް އޭގެ ފައިދާ ކުރާނެ ކަމެއް ނޫނެވެ. ގޮހޮރާއި ކިޑްނީއަށް ފެން ބޭނުންވަނީ މުޅި ދުވަހަށް ބަހާލައިގެންނެވެ.
6. ބޮޑުކަމުދިއުން ލަސްކުރުން
ބޮޑުކަމުދާން ޖެހުމުން އެކަން ނުކޮށް މަޑު ކުރާނަމަ، ގޮހޮރުން ސިގްނަލް ދިނުން ހުއްޓާލަ އެވެ. މިކަން ތަކުރާރު ވާނަމަ ދާއިމީކޮށް ބަނޑުހިކުމުގެ މައްސަލަ ކުރިމަތިވެ އެވެ.
7. "ކޫސަނި" ކެއުން
ގޮހޮރުގައި އަމިއްލައަށް ސާފުވުމުގެ ސައިކަލެއް ހިނގަނީ އެއްޗެއް ނުކައި ހުންނަ ވަގުތުތަކުގަ އެވެ. އަބަދު ކޮންމެވެސް އެއްޗެއް ކަމުންދާނަމަ މި ސައިކަލް މެދުކެނޑިގެންދެ އެވެ.
8. ނިދުމުގެ އެއްގަޑިއިރު ކުރިން ކެއުން
ރޭގަނޑު ނިދުމުން ގޮހޮރު އަމިއްލައަށް މަރާމާތުވުމުގެ މަސައްކަތް ކުރެ އެވެ. ނަމަވެސް ނިދުމުގެ ކުޑަވަގުތުކޮޅެއް ކުރިން ކެއުމުން، ބަނޑުގައި ކާނާ ހުރުމުގެ ސަބަބުން މި މަރާމާތުގެ މަރުހަލާ މުޅިން ހުއްޓުމަކަށް އާދެ އެވެ.
ނޫސްވެރިން އޮޅުވާލަނީ ކަމަށް ބުނެ މަޖިލީހުގެ ކޮމިޓީ ސިއްރު
ރާއްޖެއިން މަސްދަޅު އެކްސްޕޯޓް ކުރިވަރު ދަށްވެއްޖެ
ހިރުގަނޑުން ލޭ އައުމަކީ އާދައިގެ ކަމެއް ނޫން!