ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވުމަކީ، މި ސަރުކާރު "ބަރާބަރު" ކަމަށް އެ ބޭފުޅުން ވެސް ގަބޫލުކުރައްވާ ކަމުގެ ހެއްކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބ. ކެންދޫ ދާއިރާއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމަށް މިދިޔަ ބުދަ ދުވަހު މަޖިލީހުގައި ނެގި ވޯޓުން ފެނިގެންދިޔައީ އިދިކޮޅު މެންބަރުންނަށް ވެސް ސަރުކާރުގެ މަސައްކަތްތައް ބަލައިގަނެވޭ މަންޒަރު ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އެމްޑީޕީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، ހޯމް މިނިސްޓަރު އަލީ އިހްސާނަށް ރުހުން ދިނުމަށް އެ ޕާޓީގެ 10 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. އެމްޑީޕީގެ އާންމު މެންބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މިނިސްޓަރު އިހްސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެ ޕާޓީގެ 12 މެންބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެކަންޏެވެ.
މި ވޯޓާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ފަހުން މާފަށް އެދިވަޑައިގެންފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އަމަލުކުރެއްވީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް ވިޔަސް، އެ ޕާޓީން މިއަދު އެ މެންބަރުން ކުޑަކަކޫ ޖައްސުވައިފި ކަމަށެވެ.
މިނިސްޓަރު އިހްސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވޯޓު ދެއްވީ، "އަދަދު" ނޫހުގެ އޮފީސް ފުލުހުން ރެއިޑްކުރި މައްސަލައާއި ގައުމީ ޔުނިވާސިޓީގެ ދަނާލުގައި މަރުވި ޒުވާނެއްގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލާގައި މިނިސްޓަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ޕީސީބީގެ ރައީސް ކަމަށް ނިޒާރު އައްޔަންކުރައްވައިފި
ވިސާގެ މައްސަލައިގަ ފީފާގެ ބައްދަލުވުމުގައި އީރާނުން ބައިވެރިނުވި