ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ބޭއްވި އަހަރީ ސްޓާފް އެވޯޑް ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.
މި ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑް މިއަހަރު ހާސިލްކުރީ ހެޑް އޮފް ބިޒްނަސް ސިސްޓަމްސް (ޓެކްނޮލޮޖީ ޑިވިޝަން) މިޞްބާޙް ޢަބްދުއް ރަޝީދެވެ. މިއީ 2025 ވަނަ އަހަރު މިޞްބާޙް ދެއްކެވި ފުރިހަމަ ހުނަރާއި ބޭންކަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެކެވެ.
"ލީޑާޝިޕް އެކްސެލެންސް އެވޯޑް" ހާސިލްކުރީ ހެޑް އޮފް ޕްރޮޕަޓީ (ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަން) ޔުޒްނާ ނަސީމްއެވެ. މީގެ އިތުރުން، އައުޓްސްޓޭންޑިންގ ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަގަރީތަކުން ވަކިވަކި މުވައްޒަފުންނަށާއި ޓީމުތަކަށް އެވޯޑް ދީފައިވެ އެވެ.
ބޭންކުގެ ކުރިއެރުމަށާއި ދިގު މުއްދަތުގެ އިސްތިރާޖީ ކާމިޔާބީތަކަށް މުހިންމު ހިއްސާއެއް ވެދީފައިވާ ފަސް މުވައްޒަފަކަށް "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް" ވަނީ ދީފަ އެވެ. މި މުވައްޒަފުންނަކީ އެ ބޭފުޅުން މަސައްކަތްކުރައްވާ ދާއިރާތަކުގެ އިތުރުން، ބޭންކުގެ އިސްތިރާޖީ ރޭވުންތަކާއި، މަސައްކަތްތައް ތަންފީޒުކުރުމާއި، ވިޔަފާރީގެ ނަތީޖާ ހާސިލްކުރުމުގައި ނަމޫނާ ލީޑަރޝިޕެއް ދައްކަވާފައިވާ ބޭފުޅުންނެވެ. މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަކީ:
މޫސާ މުންސިފް އަހުމަދު، ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް
- ހުޝާމް ސައީދު، ޑީރެކްޓަރ އޮފް ޓެކްނޮލޮޖީ
- ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރު
- ހަސަން ޝާމް، ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު
- އަދުލީ އަހުމަދު ދީދީ، ޗީފް އިންފޮމޭޝަން އޮފިސަރު
މި ހަފުލާގައި ބޭންކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރި މުވައްޒަފުންނަށް ޖުމްލަ 38 އެވޯޑެއް ދީފައިވެ އެވެ.
މީގެ އިތުރުން، އައުޓްސްޓޭންޑިންގ ޓީމް އެޗީވްމެންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓް، މި ކެޓަގަރީތަކުން ފާހަގަކޮށްލެވޭ ޓީމްތަކާއި މުވައްޒަފުންނަށް އެވޯޑު ދީފައި ވެ އެވެ.
މި ހަފްލާގައި މުވައްޒަފުންނާ މުހާތަބުކުރައްވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ 2025 ވަނަ އަހަރަކީ ބޭންކުގެ 43 އަހަރުވީ ތާރީހުގައި ފާހަގަކޮށްލެވޭނެ، އަދި މިހާތަނަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ.
"މިއީ ހަމައެކަނި މާލީ ގޮތުން ލިބުނު ކުރިއެރުމެއް ނޫން، މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެއް. މި ކާމިޔާބީގެ އަސްލަކީ އަޅުގަނޑުމެންގެ މުވައްޒަފުންގެ ހީވާގިކަމާއި، ފަންނީ ގާބިލްކަމާއި، އަދި ކުރިއަށް ދިއުމަށް ކުރާ އުންމީދު. މިރޭ އަޅުގަނޑުމެން އަގުވަޒަންކުރަނީ އެންމެ ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ މަސައްކަތް." ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއެކު ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ އިތުރުން ރާއްޖޭގައި އެންމެ ގިނަބަޔަކަށް ވަޒީފާ ފޯރުކޮށްދޭ އެއްތަނެވެ. ބޭންކުގެ %99 އިއްސައްތައަކީ ފަޚުރުވެރި ދިވެހިންނެވެ.
އީރާނުގެ ނިއުކްލިއާ މަރުކަޒަށް ހަމަލާ ދޭން 50 ބޯޓު ބޭނުން ކުރި
ކުޑަކުއްޖަކަށް ޖިންސީގޯނާކުރި އަނީސް ދެވަނަފަހަރަށް ދޫކޮށްލައިފި
ޔަމަނުން އިޒްރޭލަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި
