އިޒްރޭލްގެ ދައުލަތަށާއި ޔަހޫދީންނަށް ކޮށްދެއްވި މުހިންމު ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަލަށް ތައާރަފްކުރި "މެޑަލް އޮފް ދަ ކްނެސެޓް" ނުވަތަ އެންމެ ގަދަރުވެރި މެޑަލް މިއަދު އަރުވައިފި އެވެ. މި ޝަރަފް މޯދީއަށް އެރުވީ އިޒްރޭލްގެ ޕާލަމެންޓް ނުވަތަ ކްނެސެޓްގެ ރައީސް އާމިރު އޯހާނާ އެވެ.

މި މެޑަލް މޯދީއަށް އަރުވާފައި ވަނީ ކްނެސެޓްގައި ތަގުރީރު ކުރެއްވުމަށްފަހު އެވެ. މޯދީގެ ތަގުރީރުގައި ވަނީ އިންޑިއާ އާއި އިޒްރޭލާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާކަން ފާހަގަކުރައްވާފަ އެވެ. ކްނެސެޓްގެ ތަރުޖަމާނުގެ އޮފީހުން ބުނި ގޮތުގައި، މޯދީ މި ޝަރަފަށް ހޮވުނީ ދެ ގައުމުގެ ދެމެދުގައި އޮތް ސްޓްރެޓީޖިކް އެއްބާރުލުން ފުންކޮށް، ގުޅުން ވަރުގަދަކޮށްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.

މޯދީގެ ވެރިކަމުގައި ސަލާމަތީ ކަންކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. މީގެ ތެރޭގައި ސަލާމަތީ ޓެކްނޮލޮޖީ އުފެއްދުމާއި، އީޖާދީ މަސައްކަތްތަކާއި، ސައިބާ ސެކިއުރިޓީގެ ދާއިރާ ހިމެނެ އެވެ. މީގެ އިތުރުން ސިޔާސީ އަދި ސަގާފީ ގުޅުންތައް ބަދަހިކޮށް، މެދުއިރުމަތީގައި އިންޑިއާގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އިޒްރޭލްގެ މަގާމު ވަރުގަދަ ކުރުމަށް މޯދީ ވަނީ މަސައްކަތް ކުރައްވާފަ އެވެ.

ކްނެސެޓްގެ ރައީސް އާމިރު އޯހާނާ ވިދާޅުވީ މިއީ ކްނެސެޓަށާއި މުޅި އިޒްރޭލަށް ވެސް ތާރީޚީ ވަގުތެއް ކަމަށެވެ. އަދި މި މެޑަލް އެރުވުމަކީ ދެ ގައުމުގެ ދެމެދުގައި ސްޓްރެޓީޖިކް އިއްތިހާދެއް ގާއިމުކުރުމަށް މޯދީ ކުރެއްވި މަސައްކަތްޕުޅަށް ކުރާ އިހުތިރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޯހާނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މޯދީގެ ސިޔާސަތުތަކުން ފެންނަނީ އިޒްރޭލާއެކު އޮތް އިޚުލާސްތެރި އަދި ސާބިތު ރަހުމަތްތެރިކަމެވެ. އަދި ގޮންޖެހުންތައް ބޮޑު ދަތި ދަނޑިވަޅުތަކުގައި ވެސް މޯދީ ހުންނެވީ އިޒްރޭލާއެކު ސާބިތުކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.