ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ގެނުވަދޭ ކަމެއް ކަމަށް ކަސްރަތު ވެ އެވެ. އެހެން ނަމަވެސް އެ ބަދަލަކީ އެއް ދުވަހުން ނުވަތަ ދެ ދުވަހަކުން އަންނާނެ ބަދަލެއް ނޫނެވެ. އެބަދަލު ގެނައުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭކަން މިކޯޗުގެ ވާހަކަތަކުން ބުނެ ދެ އެވެ.
ޓީވީ ކުރިމަތީ އިނދެ ގޭމް ކުޅުމަކީ އަހުމަދު އަޝަމް ފިރާޒް ކުޑައިރު އެންމެ ގަޔާވި ކުޅިވަރެވެ. އެކަމަށްޓަކައި އޭނާގެ ގިނަ ވަގުތު ހޭދަ ކުރަން ޖެހުނު ކަމަށް ވިއަސް ޝަކުވާއެއް ނެތެވެ. ފޫހިވަނީ ކަސްރަތު ކުރުމަށެވެ. އޭނާގެ އާއިލާ ގިނަ މެންބަރުން ޖިމް އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކުރިނަމަ ވެސް، ކަސްރަތު ކުރުމަކީ އޭނާ މާގަޔާވާ ކަމެއް ނޫނެވެ.
"ގިނައިރު ގޭމް ކުޅެން އިނުމުގެ ސަބަބުން މީހުންގެ ތެރޭގައި އޭރު އެހާ އުޅޭ ހިތެއް ނުވޭ. މީހުންނާ ވާހަކަ ދައްކާ ހިތެއް ނުވޭ. ހަގީގަތުގައި ދައްކާނެ ވާހަކައެއް ވެސް ނޭނގޭ. ފެމެލީއާއެކު ޖިމްއަށް ދާތީ ވޯކްއައުޓްގެ ބޭސިކް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އެހެން ނަމަވެސް އެކަން ކެރިއާ އެއްގެ ގޮތުގައި ނަގާކަށް އޭރު ކުޑަކޮށް ވެސް ޝައުގުވެރިކަމެއް ނެތް،" އަޝަމްގެ ފިޓްނަސް ދަތުރުގެ ވާހަކަ ފަށަމުން ބުންޏެވެ.
ގޭމް ކުޅޭއިރު އޭނާއަށް އެންމެ މޮޅު މީހުންނާ އެއްވަރަށް ފައިހަމަ ކޮށްލެވެ އެވެ. ވީމާ "ގޭމާ"އަކަށް ނުވަތަ ގޭމިންގެ ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުމެއް ވެސް އޭނާ އޭރު ގެންގުޅުނެވެ. ނަމަވެސް އޭރު އޭނާއަށް ނޭންގި އޮތް ކަމަކީ ގިނައިރު ގޭމް ކުޅެން އިނުމުގެ ސަބަބުން އޭނާގެ ސިއްޚަތަށް ގެއްލުންވަމުން ދާ ކަމެވެ.
ފިޓްނަސް ގެދާއިރާއަށް ގެންދިއުމަށް އާއިލާގެ ބޮޑު ދައުރެއް
ސްކޫލް ނިމުމަށް ފަހު އޭނާ ބޭނުންވީ އޭވިއޭޝަން ދާއިރާއާ ގުޅުމަށެވެ. އެކަމަށްޓަކައި ޕައިލެޓް ޓްރޭނިން ހެދުމަށް ވިސްނި އެވެ. ނަމަވެސް އޭނާގެ އާއިލާގެ އެކަމުގައި ޚިޔާލު ތަފާތުވި އެވެ. އެ މީހުންގެ ނަސޭހަތަކަށްވީ އާއިލާ އާއި ދުރުގައި ވަގުތު ހޭދަކުރަން ޖެހޭ ފަދަ ދާއިރާއަކަށް ނުދިއުމެވެ. މައިން ބަފައިން އެގޮތަށް ވިސްނާ ދިނުމުން އަޝަމް އެކަން ގަބޫލުކޮށް ދެވަނަ ވިސްނުމަކަށް ދިޔަ އެވެ.
އުމުރުން ސޯޅަ އަހަރުގައި ފިޓްނަސްގެ ދާއިރާއިން ކުރިއަށް ދިއުމަށް އޭނާގެ މަންމަ އާއި ބޭބެ އޭނާއަށް ވިސްނައި ދިނުމާއެކު، މެލޭޝިއާގެ "ފިޓްނަސް އެޑިއު ޓްރޭނިން އޭޝިއާ" (އެފްއީއޭ) އިންސްޓްރަކްޓާ ޓްރޭނިން ކޯސް ފުރިހަމަ ކުރި އެވެ. އެއަށް ފަހު، ދެން އޭނާ ނިންމީ އާއިލާއާ އެކު "އެޕެކްސް ފިޓްނަސް" ގައި މަސައްކަތް ކުރުމަށެވެ.
އެޕެކްސް ފިޓްނަސް އަކީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އައިހަމް ފިރާޒް ހިންގާ ޖިމެކެވެ. އެތަނުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކުރަނީ އާއިލާގެ މެންބަރުންނެވެ.
"ޖިމްގައި ބޭބެ މެންނާއެކު މަސައްކަތް ކުރިއިރު ވަރަށް ގިނަ ކަންކަން ދަސްވި، އެއަށްފަހު ކްލައަންޓުން ނަގަން ފެށީ. ނަމަވެސް ކްލައަންޓުންނާ ވާހަކަ ދެއްކުން އަޅުގަނޑަށް އެންމެ އުނދަގޫ ކަމަކަށްވީ. ބައެއް ކްލައަންޓުން ބުނާނެ ވަރަށް މަޑުން އިންނަ ކޯޗެއް ދޯ އޭތީ. އެބައި ވަރަށް އުނދަގޫވި. ވަރަށް ސްޓްރަގްލް ކުރިން،" އަޝަމް ބުންޏެވެ.
ގޭމް ކުޅުމުގެ ސަބަބުން ބޮޑު ގެއްލުމެއް
ކުޑައިރު ގޭމް ކުޅެން ގިނައިރު އިނދެވުމުގެ ސަބަބުން "ސޯޝަލައިޒް" ވާން އުނދަގޫ ވުމުގެ އިތުރުން، އެނާގެ ޖިސްމާނީ ދުޅަ ހެޔޮކަމަށް އަސަރު ކުރަމުން ދިޔަ އެވެ. އެކަން ފާހަގަ ކުރެވުނީ މައިބަދައާ ދިމާލުން ތިރީގައި ރިއްސަން ފެށުމުން ކަމަށް އަޝަމް ބުންޏެވެ. އެއީ މައިބަދައިގެ ދާއިމީ މައްސަލަ އެކެވެ. އެކަމަށް "ޑިސްކް ބަލްޖް "ވުމޭ ކިޔަ އެވެ.
"އަބަދު ގޭގައި ކުޅެން އިނުމުން، އަޅުގަނޑުގެ ހަށިގަނޑުގެ ބެހެއްޓޭ ގޮތް ގޯސްވެގެން، މައިބަދައިގެ ޑިސްކެއް ދުޅަވީ. އެއީ ފަރުވާއެއް ނެތް މައްސަލައެއް. ކިތަންމެ ވަރަކަށް ވާކްއައުޓް ހެދި ނަމަވެސް ރަނގަޅެއް ނުވާނެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އަނިޔާއޭ ވެސް ބުނެވިދާނެ،" އަޝަމް ބުންޏެވެ.
އެ ދުވަސްވަރު ބަރެއްގައި ހިފާލިއަސް އަދި ދަބަހެއް އުފުލާލި ނަމަވެސް، އުނގަނޑުން ތިރިއަށް ތަދުވާން ފަށާ ކަމަށް އޭނާ ބުންޏެވެ. އެ ރިހުން ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިއުމާގުޅިގެން، އޭނާ ޑޮކްޓަރަށް ދެއްކުމުން ވާކްއައުޓާ ދުރުވެ ހުރުމަށް، އޭނާއަށް ޑޮކްޓަރު ލަފާ ދެއްވި އެވެ.
ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ވާކްއައުޓް ނުކޮށް ހުރިއިރު، މައިބަދައިގެ ރިހުން އަރާތީ "ޑަމްބެލް" ނުވަތަ ބަރެއް ހިއްލާ ވެސް ނުލެވޭ ކަމަށް އޭނާ ބުންޏެވެ.
"ޑިސްކު ބަލްޖް ވެފައިވާކަން އިނގުމުން ވަރަށް ދެރަވި. ހިތަށްއެރި ޑިސްކު މައްސަލަ ޖެހިފައި ހުންނަ މީހަކަށް ވާކްއައުޓެއް ނެހެދޭ ނެޔޭ. ސްޕައިންގެ މައްސަލަ ހުންނަ މީހުންނާ ގުޅޭ ދާއިރާ އެއްނޫން ކަން ނޭނގޭ މީކީ. އެކަހަލަ ވިސްނުންތައް އަންނަން ފެށި،" އަޝަމް ބުންޏެވެ.
އޭނާގެ ބަލިހާލަތު އެނގުނު ހިނދު އޭނާއަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ. އުމުރު ހުސްވީ ހެން ވެސް ހީވި ކަމަށް އޭނާ ބުންޏެވެ. އަދި ދުވަހަކު ވެސް ނުހިނގޭނެ ކަމަށް ވެސް އޭނާ ނިންމި އެވެ. އެ ހިސާބުން އޭނާ ނިންމީ ބައްޔާ ބެހޭގޮތުން އިތުރަށް މައުލޫމާތު އެއް ކުރުމަށެވެ. ބަލި ދެނެގަތުމަށެވެ. އިތުރަށް ހޯދި ހޯދުމުން އެނގިގެން ދިޔައީ، އެ މައްސަލަ ހުރި ނަމަ ވެސް ވާކްއައުޓް ހެދޭނެ ކަމަށެވެ. ފަހުން ކަސްރަތު ކުރަން ފެށުމުން އެ ރިހުން ހުންނަކަން އިހުސާސް ނުވާ ކަމަށް އަޝަމް ބުންޏެވެ.
"ވާކްއައުޓް ހުއްޓާލައިގެން ހުރިއިރު ޓްރޭނިންތައް ނަގަން ވެސް އުނދަގޫވި. އޭރު ހުރީ ވަރަށް ބޮޑަށް މާޔޫސް ވެފައި. ހިތްވަރު އެލިފައި. އަދި ކްލަޔަންޓުންގެ ވެއިޓްތައް އުފުލަން އުނދަގޫ ވީމަ ލަދު ވެސް ގަތް. ފަހުން ވާކް އައުޓް ހަދަން ފެށުމުން ރަނގަޅުވާން ފެށި. އަދި މިކަމުގައި ހުރުމަށް އިތުރު ހިތްވަރެއް ލިބުނު،" އަޝަމް ބުންޏެވެ.
ކަސްރަތު ކުރުމުގައި ދެމިހުރުމަކީ އޭނާގެ ބަލީގެ ހައްލުކަން އެކަމުގައި ކުރިއަށް ދިއަ އެވެ. އަދި ޖިމްއަށް އަންނަ ގިނަ ކްލައަންޓުންގެ މައްސަލަތައް ދެނެގަނެ، މައްސަލަ ހައްލުކޮށް ދިނުމުގެ ޝައުގުވެރިކަން އިތުރުވެގެން ދިޔަ އެވެ. ހާއްސަކޮށް މައިބަދައިގެ މައްސަލަތަކެވެ.
"ޑިސްކް ބަލްޖް ވުމަކީ ވަރަށް އާންމު މައްސަލައެއް. ހާއްސަކޮށް މުޅި ދުވާލު އޮފީހުގައި އިށީންދެ އިނދެ މަސައްކަތްކުރާ މީހުންނާއި، ގޭމްކުޅޭ ކުޑަކުދިންގެ މެދުގަ މިކަން ފާހަގަވޭ. ބައެއް މީހުންނަށް ވާ ގޮތަކީ މި ކޮންޑިޝަން ހުންނަކަން އެނގުމުން، އެއްކޮށް ކަސްރަތު ކުރުން ހުއްޓާލަނީ. ނަމަވެސް މި މައްސަލައަށް އޮތް ހައްލަކީ ކަސްރަތު ކުރުން. އެމައްސަލަ ހުންނަ ކްލަޔަންޓުން އަޅުގަނޑު ކައިރިއަށް ވަރަށް ގިނައިން އާދޭ. އެއީ އެ މައްސަލަ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭތީ،" އޭނާ ބުންޏެވެ.
ފިޓްނަސް ދާއިރާ އާއި ބެހޭ ގޮތުން އަޝަމް ދެކޭ ގޮތް ވަރަށް "ޕޮސިޓިވް" އެވެ. އޭނާ ބުނާ ގޮތުގައި އެ ދާއިރާގެ ސަބަބުން އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެފައިވެ އެވެ. އަދި އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅު ކޮށްދީފައިވެ އެވެ.
ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހުމުން އޭނާއަށް މީހުންނާ ވާހަކަ ދައްކަން މަޖުބޫރު ވި އެވެ. މިއަދު އޭނާއަކީ އިސްވެ މީހުންނާ ވާހަކަ ދައްކަން ކުޑަކޮށް ވެސް ޖެހިލުން ވާނެ މީހެއް ނޫނެވެ. ދައްކާނެ ވާހަކަ ވެސް އެނގޭނެ އެވެ.
އޭނާ މި ދާއިރާގައި މަސައްކަތް ކުރަމުން ގެންދާތާ 5 އަހަރު ވެފައި ވާއިރު، 500 އަށް ވުރެ ކްލަޔަންޓުންނަށް ސެޝަން ނަގައިދީފައިވެ އެވެ. އޭގެ ތެރޭގައި އެކި ބަލި ބައްޔަށް ބޭސްކުރާ މީހުން ވެސް ހިމެނެ އެވެ. އެ މީހުންނަށް އެހީތެރިވުމަކީ އައްޝަމްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި މީހުން ޓްރެއިން ކުރުމަކީ އެ މަސައްކަތުގެ ތެރޭން ގިނަ ކަންކަން ދަސްވާ ކަމެކެވެ. އެއީ ދެ ކްލަޔަންޓަކު އެއްގޮތެއް ނުވާނެތީ އެވެ. ކިޔައި ދިނުމުގަ އާއި އަދި މުއާމަލާތު ކުރުމުގައި އަމިއްލަ ގޮތަތަކެއް ގެންގުޅެން ޖެހެ އެވެ.
"ކޯޗަށް ފެންނަ ގޮތަކަށް ޖައްސާށޭ ބުނާނެ. ވަރަށް ހާޑްކޮށް ޖައްސާށޭ. ނަތީޖާއޭ ބޭނުންވަނީ. އެގޮތަކަށް އޭތި މަސައްކަތެއް ނުކުރާނެ. ފަށަން ޖެހޭނީ މަޑުމަޑުން ފަސޭހަކޮށް. އެއީ އެންމެނަށް ވެސް ފަސޭހަ ވާކްއައުޓެއް ހެދިދާނެ. ދެން މަޑުމަޑުން މަތިކޮށްލާނީ. މީހުންގެ މޫނުމަތިން އެނގޭނެ ވާކްއައުޓްއަށް ގެންނަން ޖެހޭ ބަދަލު. މިސާލަކަށް ފަސޭހަ ނަމަ ނުވަތަ އުނދަގޫ ނަމަވެސް،" އަޝަމް ބުންޏެވެ.
އަޝަމް މިއަދު އޭނާއަށް އާދެވިފައިވާ ހިސާބާ ދޭތެރޭ ފަޚުރުވެރިވެ އެވެ. ފިޓްނަސް ދާއިރާގައި އިތުރަށް ހުރި ފުރުސަތުތައް ހޯދައި ކުރިއަށް ދާނޭމަގު ކޮށުމަކީ އޭނާގެ މިއަދުގެ އަޒުމެކެވެ. އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖެތެރޭ ރަށްރަށުގައި އެޕެކް ފިޓްނަސްގެ ޖިމްތައް ހުޅިވިގެން ދާނެ ދުވަހެކެވެ. އެއީ މާލެއާ އެއްވަރަށް ރައްރަށަށް ވެސް ހަމަހަމަ ފުރުސަތު ހޯދައި ދިނުމަށެވެ.